ރަޖިސްޓަރީ ނުކޮށް ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކަމުންދާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، (އެމްއެފްޑީއޭ) އިން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި އެވެ.
އެމްއެފްޑީއޭއިން ބުނެފައިވަނީ ރާއްޖެއަށް އިމްޕޯޓްކުރާ ބޭހަކީ އެ އޮތޯރިޓީގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމަނާފައިވާ އަދި އެ ބޭސް ރާއްޖެއަށް އެތެރެކުރާ ފަރާތަކީބޭސް އެތެރެކުރުމުގެ ލައިސްނަސް ލިބިފައިވާ ބޭހަކަށް ވާންޖެހޭނެ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ ބޭސް އެތެރެކުރުމުގެ ހުއްދަނެތް ބައެއް ފަރާއްތަކުން ތަފާތު ވައްތަރުގެ ބޭސް ރާއްޖެއަށް އިމްޕޯޓްކޮށް އޮންލައިން ޕްލެޓްފޯރމް ތަކުގައި އަދި އާދައިގެ ފިހާރަތަކުގައިވެސް ވިއްކަމުން ގެންދާކަން އެ އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައިކަމަށާއި، ނަމަވެސް މިފަދަ ބޭހަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވިފައިވާ ބާވައްތަކެއް ނޫންކަމަށާއި އަދި ރަޖިސްޓްރީ ނުކުރާ މިފަދަ ބާއްވައްތަކަކީ އެއްގޮތަކަށްވެސް އޭގެ ފެންވަރާއި ރައްކާތެރިކަންވެސް ކަށަވަރު ކުރެވިފައިވާ ތަކެތި ނޫންކަމަށެވެ.
އަދި އެގޮތަށް ރަޖިސްޓްރީނުކޮށް އެތެރެކުރާ ބޭސް ވިއްކަމުންދާ އޮންލައިން ޕްލެޓްފޯރމް ތަކާއި އާދައިގެ ފިހާރަ ހިމެނޭހެން 21 ތަނެއް މިހާތަނަށް އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާކަމަށްވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
އެއމްއެފްޑީއޭ އިން އިތުރަށް ބުނެފައިވަނީ އެފަދަ ބޭހުގެ ބާވައްތައް އެތެރެކޮށް ވިއްކުމުން އެފަދަ ބޭސް ބޭނުންކުރާ ފަރާއްތަކަށް ހީވެސް ނުކުރާފަދަ ބޮޑެތި ސިއްހީ ނުރައްކަލަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ވުމާއެކު އެ އޮތޯރިޓީއިން ބުނީ އެ އޮތޯރިޓީގެ ހުއްދަނެތި ބޭސް އިމްޕޯޓްކޮށް ވިއްކާ އަދި އިޝްތިހާރުކުރާ ހުރިހާ ފަރާތްތަކާމެދު ސިއްހީ ހިދުމަތް ދިނުމުގެ ޤާނުނު ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ.
މީގެ ކުރިންވެސް އެ އޮތޯރިޓީން ވަނީ ރަޖިސްޓަރީ ނުކޮށް ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާތީ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދޫީފައެވެ.