އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފަވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަކީ އެތަށް ގޮތަކުން ޚާއްޞަ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި 48 ޓީމު ވާދަކުރާއިރު، އެޓީމު ސްކޮޑުތަކުގައި ހުނަރުވެރި ވަރަށް ޒުވާން ކުޅުންތެރިންވެސް ވަނީ ހިމެނިފައެވެ. އެގޮތުން، ބަލާލާނީ، މިފަހަރުގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ވިދާލާނެކަމަށް ބެލެވޭ 5 ކުޅުންތެރިންނަށެވެ.
-
މައިކަލް އޮލީސޭ (ފްރާންސް / ބަޔާން މިއުނިކް)

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮލީސޭ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޮލީސޭވަނީ މިސީޒަނުގެ ޖަރުމަނު ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދައި، ޗެމްޕިއަންސް ލީގުގެ ސެމީއަށް ބެޔާން މިއުނިކް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޮލީސޭއަކީ، މިވަގުތު ފްރާންސްގެވެސް އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އެގޮތުން، ފްރާންސްގެ ކޮންމެ ޙަމަލާއެއްގެ މޭސްތިރިއަކީ މިފަހަރު އޮލީސޭކަމުގައި ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ. މިފަހުން، ފްރާންސް ކުޅުނު މެޗުތަކުގައިވެސް، އޮލީސޭވަނީ ކުރީން ފްރާންސްގެ ގްރިޒްމަންގެ ރޯލް އެޓޭކިންގ މިޑްފީލްޑުގައި ކުޅެދީފައެވެ. އޮލީސޭއަކީ، ޒިދާނާއި ގްރީޒްމަނަށްފަހު، މުޅި ފްރާންސްގެ ޓީމު އެކުޅުންތެރިއެއްގެ މައްޗަށް ބިނާވާނެ ކުޅުންތެރިއާކަމުގައި ބެލެވެއެވެ. މިއީ އޮލީސޭގެ ފުރަތަމަ ޤައުމީ ބޮޑު މުބާރާތެވެ.
-
ލެމީން ޔަމާލް (ސްޕޭން / ބާސެލޯނާ)

ބާސެލޯނާގެ ލެމީން ޔަމާލްއަކީ މިފަހަރު ސްޕޭން ޓީމުގައި ފެންނާނެ އެންމެ ހުނަރުވެރި ކުޅުންތެރިއާއެވެ. މުޅި ސްޕޭން ޓީމު އެކުޅުންތެރިއަކަށް ފަޚުރުވެރިވާ ޔަމާލްއަކީ ސްޕޭންގެ އަރިމަތިން ނަގާ ހުރަސްތަކުގެ ޚާއްޞަ ކުޅުންތެރިއެކެވެ. ޔަމާލްގެ އެންމެ ފާހަގަކޮށްލެވެނީ، ޑްރިބްލްކުރުމާއި، ހުރަސް ނެގުމާއި، ދުރުން ގޯލަށް ޝޫޓުކުރުމެވެ. ޔަމާލްއަކީ އެންމެ ފަހުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައިވެސް ސްޕޭންގެ އެޓޭކިންގ މައި ތަނބެވެ. ސްޕޭން ޓީމުގައި ޔަމާލްއަށް އެންމެ ފައިދާކުރާނެ ކަމަކީ، ފެންވަރު ރަނގަޅު މެދުތެރެއެއް ސްޕޭން ޓީމުގައި އޮތުމެވެ. ޔޫރޯ ފުޓުބޯޅަ މުބާރާތުގައިވެސް އެކަން ފާހަގަވެގެން ގޮސްފައިވެއެވެ.
-
ޖަމާލް މުސިއާލާ (ބަޔާން މިއުނިކް / ޖާރމަނީ)

ޖަރުމަނުވިލާތުގެ ޖަމާލް މުސިއާލާއަކީ ޖަރުމަނުޓީމުގެ މެދެތެރޭގެ މައިތަނބެވެ. މީގެ ކުރީގައި ޖަރުމަނުވިލާތަކީ ފްރާންސް ފަދައިން، ވަރުގަދަ މެދުތެރެއެއް އޮތް ޓީމެކެވެ. ޓޯނީކްރޫސް، ކެދީރާ، އޮޒިލް ފަދަ ކުޅުންތެރިންނާއެކު ޖަރުމަނަކީ އޭރުގެ އެންމެ ވަރުގަދަ ޓީމެވެ. އެހެން ނަމަވެސް، އެކުޅުންތެރިންނަށްފަހު، ޖަރުމަނުޓީމުގެ މެދުތެރޭގެ ހުރިހާ ޒިންމާއެއް ނަގާނެ ކުޅުންތެރިއަކީ މުސިއާލާކަމުގައި މިހާރު ޤަބޫލުކުރެވެއެވެ. ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއަރޓަރ ފައިނަލަށް ޖަރުމަން ދަތުރުކުރުމުގައި ޒުވާން މުސިއާލާގެ ދައުރު ވަރަށް ބޮޑެވެ.
-
ހާލަންޑް (ނޯވޭ / މެންޗެސްޓަރ ސިޓީ)

ހާލަންޑަކީ މިވަގުތު ދުނިޔޭގައިހުރި އެންމެ އިތުބާރު ނަންބަރ 9 ކަމުގައި ދެބަސްވާނެ މީހަކު މަދުވާނެއެވެ. ހާލަންޑްގެ ނިންމުންތަކަކީ، ބަލައި ފޫހި ނުވާވަރުގެ ނިންމުންތަކެވެ. މެންޗަސްޓަރ ސިޓީއަށް މިނިމުނު ސީޒަންތަކުގައި ކާމިޔާބީތަކުގެ ޙިއްސާ އެންމެ ބޮޑީވެސް ހާލަންޑްގެއެވެ. މިއީ، ބައިނަލް އަޤްވާމީ ފެންވަރުގައި ހާލަންޑް ފެންނާނެ ފުރަތަމަ މުބާރާތަށްވާއިރު، މިފަހަރު ގްރޫޕް ސްޓޭޖުގައި ފްރާންސާއި ނޯވޭ ބައްދަލުކުރަންޖެހިފައިވާއިރު، ހާލަންޑަށް އޮތް އެންމެ ބޮޑު ޓެސްޓަކީ ފްރާންސްގެ ޑިފެންސްކަމުގައި ޤަބޫލުކުރެވެއެވެ. އިސްކޮޅުން ދިގު، ހަލުވި ހާލެންޑަކީ ކޮންމެ ފަދަ ދަނޑިވަޅެއްގައިވެސް ނަތީޖާ ބަދަލުކޮށްލާނެ ވަރުގެ ފޯވަޑެކެވެ.
-
އެންޑްރިކް (ބްރެޒިލް / ލިޔޯން)

ބްރެޒިލްގެ ޒުވާން އެންޑްރިކް އަކީ މުޅި ބްރެޒިލްގެ ފުޓުބޯޅަ އެކުޅުންތެރިއަކަށް ބިނާވާނެ ކުޅުންތެރިޔާއެވެ. އުމުރުން އެންމެ 19 އަހަރުގައި މިފަހަރުގެ ވޯލްޑްކަޕް ސްކޮޑުން އެންޑްރިކް ޖާގަ ހޯދީ ވަރަށް އުނދަގޫ މަރުޙަލާއެއްގައެވެ. އެގޮތުން، ސްޕޭންގެ ރެއަލް މެޑްރިޑަށް ބަދަލުވުމަށްފަހު، އެންޑްރިކަށް ފުރުސަތު ލިބޭވަރު މަދުވެގެން، ފްރާންސްގެ ލިޔޯނަށް އެންޑްރިކް ބަދަލުވިއިރު، ދުނިޔޭގެ މީޑިއާތަކުން ބުނަމުން ދިޔައީ ބްރެޒިލްގެ ސްޓާރުގެ ވެއްޓުންކަމުގައެވެ. އެހެން ނަމަވެސް، ފްރާންސްގެ ލިޔޯނާއެކު ދެއްކި ހުނަރުވެރިކަމާހުރެ، ބްރެޒިލްގެ ކޯޗު އެންޗެލޮއްޓީގެ އިތުބާރު ހޯދައި، އެންޑްރިކްވަނީ ސީނިއަރ ޓީމުން ޖާގަ ހޯދާފައެވެ.