ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗް ކަމަށްވާ އިނގިރޭސި ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުން 1-0 އިން މިޑްލްސްބަރާ ބަލިކޮށް ހަލް ސިޓީ، އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދައިފި އެވެ.
މި މެޗުން މޮޅުވުމުގެ ސަބަބުން ހަލް ސިޓީ އަށް ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ލިބޭނެ އެވެ. މިއީ، ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗުވެ. މިއީ ޗެމްޕިއަންސް ލީގު ފައިނަލްމެޗަށްވުރެ 3 ގުނަ އަގުބޮޑު މެޗެކެވެ. އަދި ފީފާ ވޯލްޑް ކަޕް ފައިނަލް މެޗަށްވުރެ ފަސް ގުނަ އަގުބޮޑު މެޗެކެވެ، މިމެޗް އަގުބޮޑުވަނީ ޓީވީ ރައިޓްސް، ފައިސާގެ އިނާމްގެ އިތުރުން ޕްރިމިއާ ލީގު ބޯނަސް، ކޮމާޝަލް ބޯނަސްގެ އިތުރުން ބެޓިން ފައިސާގެ ހިމަނައިގެންނެވެ.
އިނގިރޭސި ރަސްމީ ސްޓޭޑިއަމް ކަމަށްވާ ވެމްބްލީ ސްޓޭޑިއަމްގައި ގާތްގަނޑަކަށް 85،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ހަލް ސިޓީން ކާމިޔާބުކުރީ މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި ފަސް މިނެޓްގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައެވެ. މި ތާރީހީ ގޯލް ޖެހީ ސްކޮޓްލެންޑްގެ އޮލވަރ މެކްބާނީ އެވެ.
ހަލް ސިޓީން އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނީ 2016/17 ވަނަ އަހަރު އެވެ. އެޓީމުން ޕްރިމިއާ ލީގަށް މި އައީ ނުވަ އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ.
ހަލްސިޓީގެ އިތުރުން، އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ޓީމުތަކަކީ، ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ކަވެންޓްރީ ސިޓީއާއި މީގެ އެއް ސީޒަން ކުރިން ޕްރިމިއާ ލީގުގައި ކުޅުނު އިޕްސްވިޗް ޓައުން އެވެ.