މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް މަސްތުވާތަކެތި ހިފައިގެން ދާކަމުގެ މައުލޫމާތު ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ދެމީހުން ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ސ. މީދޫ، މިރާޒް / އީޖާޒް ނަޢީމް (43އ) އާއި ސ. ހިތަދޫ، ގުޑްލަކް / ޢަބްދުﷲ ޢަމީލު (41އ) އެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 22 ވަނަ ދުވަހު ކަމަށާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 209 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 18.16 ގުރާމް ހުރިކަމަށާއި، މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށްވަނީ އަމުރުކޮށްފައިކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.