އައްޑޫސިޓީ ލިންކު ރޯޑު ފުޅާކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫސިޓީ ލިންކު ރޯޑު ފުޅާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމްންޓް ކޯޕަރޭޝަން، (އާރްޑީސީ) އިން ބުނީ އައްޑޫ ސިޓީ ލިންކު ރޯޑް ހެދުމުގެ މަޝްރޫޢުގެ ދަށުން މަގު ފުޅާކޮށް އިތުރު ލޭންތައް ހެދުމަށް އެ މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދު ތަކަށް ބަދަލުކޮށް ސާފު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން ޖުމްލަ 829 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން 3 އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަޝްރޫޢުގެ މަސައްކަތް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.

މި މަޝްރޫޢަށް ބޭނުންވާ ސާމާނުގެ ތެރޭގައި ހިމެނޭ ބޮޑެތި އުޅަނދުތަކުގެ އިތުރުން އެހެނިހެން މުހިންމު ސާމާނުތައްވެސް އެ ކުންފުނިން މިހާރު ވަނީ އައްޑޫސިޓީއަށް ގެންގޮސްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ޖުމްލަ 3 މަގެއްގެ 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުން ހިމެނޭ ކަމަށެވެ.

އަދި ސީޓީބީ މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރުމާއި، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމާއި، ގައު އަތުރާފައިވާ މަގުތަކުގައި ތާރު އެޅުން ހިމެނެއެވެ. މި މަޝްރޫއު ކުރިއަށްދަނީ، ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތުން މުޅި އައްޑޫ ސިޓީގައި ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *