ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި އިގްތިސާދުކުރުމަށާއި، ބޭކާރު ގޮތުގައި މުދާ ހޭދަނުކުރުމަށް މިއަދުގެ ޚުތުބާގައި އިލްތިމާސްކޮށްފިއެވެ.
މިއަދުގެ ޚުތުބާގައި ވިދާޅުވި މުދަލަކީ އެކަލާނގެ އަޅުތަކުންނަށް ދެއްވައިފައިވާ ވަރަށް ބޮޑު އަމާނާތެއްކަމަށެވެ. މުދާ ހޯދުމުގައްޔާއި ހޭދަކުރުމުގައި ޝަރުއީ މިންގަނޑުތަކަށް ރިޢާޔަތްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކަމެއްކަން ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.
"މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތުދިނުމާއި، ޓެކުމާއި، ރިބާގެ މުޢާމަލާތުކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވައިފައިވާ ކަންކަމެވެ. މުދާ ލިބުމަށް ފަހު މުދަލަށް ގެއްލުންދިނުމާއި، މުދާ ހަލާކުކުރުމާއި، ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީ ވެސް ހުއްދަ ކަންކަމެއް ނޫނެވެ. މުދާ ހޯދުމަށް ފަހު އެއިން އެއްވެސް ބޭނުމެއް ނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެއެވެ. ހަމަ އެހެންމެ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުން ފަދަ ކަންކަމުން ދުރުވާން ޖެހޭނެއެވެ." ޚުތުބާގައި ވިދާޅުވިއެވެ.
އަދި ލިބޭ މުދަލަކީ އަމާނާތެއް ކަމުން، އެ މުދާ ހަލާކުވާން ދޫކޮށްލުމާއި، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަނެ އިސްރާފުކުރުމަކީ ހުއްދަ ކަމެއް ނޫންކަމަށް ޚުތުބާގައި ބަޔާންކުރިއެވެ.
ޚުތުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީހަކަށް ލިބޭ މުދަލުގައި އެހެން ބައެއްގެ ހައްގުތައް ވެސް އެކުލެވިގެންވެއެވެ. އެގޮތުން އަނބިދަރީންނާއި، ގާތްތިމާގެ މީހުންނާއި، ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތައް އަދާކުރުމަށް އިސްލާމްދީން އަމުރުކުރެއެވެ.
"ތިމާއަށް ދެއްވައިފައިވާ މުދަލުގައި، ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންނާއި ފަގީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ހައްގުތައް ވާކަން ދަންނާށެވެ! އެ ހައްގުތަކުން އެބައިމީހުން މަހުރޫމުކޮށްގެން ނުވާނެއެވެ. އަހަރެމެންނަށް ދެއްވައިފައިވާ ނިއުމަތްތަކާ މެދު ގިޔާމަތް ދުވަހުން ސުވާލުކުރެއްވޭނެއެވެ." ޚުތުބާގައި ވިދާޅުވިއެވެ.
ހަމައެއާއެކު ގިޔާމަތް ދުވަހު މުދަލާ މެދު ސުވާލު ކުރެވޭނެކަންވެސް ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.
"މުސްލިމް އަޚުންނޭވެ! އިޤުތިޞާދުކުރުމާ މެދު ފުންކޮށް ވިސްނާން ޖެހެއެވެ! ލިބޭ އެއްޗަކުން ޢާއިލާގެ ކަންކަން ހަމަޖައްސާ ނަމަ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވެ، މުޅި ޢާއިލާއަށް އުފާވެރިކަން ގެނެސްދޭނެއެވެ. އެހެންކަމުން ލިބޭ އެއްޗެއް ޚަރަދުކޮށް ހުސްކޮށް ނުލައި، އެއިން ބައެއް ފަހަށް ރައްކާކުރާށެވެ!"