ބްރެޒިލަކީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ ގުނާލެވޭ ޓީމެކެވެ. ފުޓުބޯޅައިގެ ދުނިޔޭގައި ބްރެޒިލަކީ ފަސްތަރީގެ ޓީމެކެވެ. މިފަހަރުގެ ވޯލްޑްކަޕް މުބާރާތުގައިވެސް ބްރެޒިލަކީ ފޭވަރިޓެކެވެ. އެހެން ނަމަވެސް، މިފަހުން ބްރެޒިލް ޓީމުން ނެރެފައިވާ ނަތީޖާތަކާއި އަޅާކިޔާއިރު، ޙަޤީޤަތުގައިވެސް ބްރެޒިލަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދިދާނެކަމާމެދު ސުވާލު އުފެދެއެވެ. ބްރެޒިލް މިވަގުތު އޮތީ ދުނިޔޭގެ ފީފާ ރޭންކިންގްގެ 6 ވަނަ ގައެވެ.

ސްކޮޑް:
ކޯޗު އަންޗެލޮއްޓީ މިފަހަރު ބްރެޒިލް ޓީމު ބިނާކުރީ ޒުވާން ކުޅުންތެރިންގެ މައްޗަށެވެ. ބްރެޒިލްގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ބައިނަލްއަޤްވާމީ ތަޖުރިބާހުރި ކުޅުންތެރިން މަދެވެ. އޭގެތެރެއިން، ބްރެޒިލްގެ ޕްލޭމޭކަރ ނޭމާ އަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާހުރެ، ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރެވޭނެކަމާމެދު މިހާރު ސުވާލު އުފެދިފައިވާއިރު، ބްރެޒިލްގެ މުޅި ޓީމުގެ ޙަމަލާތަށް ނޭމާ ލީޑުކުރާއިރު، އެއްވެސް ސަބަބަކާހުރެ ނޭމާ އަށް ގްރޫޕް ސްޓޭޖުގައި ވާދަކުރެވޭގޮތް ނުވެއްޖެނަމަ، ބްރެޒިލަށް މުބާރާތުގައި ކުރިއަށް ދެވިދާނެކަމާމެދު ފުޓުބޯޅަ ތަޖުރިބާކާރުން ސުވާލު އުފައްދައެވެ. އެގޮތުން، ނޭމާ ނެތި ބްރެޒިލް ވޯލްޑްކަޕް ކޮލިފިކޭޝަންގައި ވާދަކޮށް ވަރަށް ހިތްދަތި ނަތީޖާތަކެއްވެސް ކުރިމަތިވިއިރު، ނޭމާފަދަ ކުޅުންތެރިއަކާއި ނުލައި، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅަ މުބާރާތެއްގައި އެންމެ ހިތްދަތި ނަތީޖާއެއް 2014 ވަނަ އަހަރު ބްރެޒިލަށްވަނީ ތަޖުރިބާކުރަންޖެހިފައެވެ. މެދުތެރެއިން، ކަސެމީރޯއަކީ މިވަގުތު ޓީމުގައިހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއެވެ. ސީނިއަރ ޓީމާއެކު ކުޅުނު ގިނަ މެޗުތަކާއި، މިވީ 10 އަހަރު ތެރޭގައި ގިނަ މެޗުތަކެއް ކަސެމީރޯވަނީ ބްރެޒިލް ޓީމަށް ކުޅެފައެވެ. ފަހަތުން، މާކީނިއޯސްއަކީ ބްރެޒިލްގެ ޑިފެންސްގެ މައިތަނބެވެ. ނޭމާއަށްފަހު ބްރެޒިލް ޓީމުގައިހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ މާކީނިއޯސްއެވެ. ރަނގަޅު ކުޅުމެއް ދެއްކިއްޖެނަމަ، ރެއަލް މެޑްރިޑަށްކުޅޭ ވިނީޝިއަސް ޖޫނިއަރ އާއެކު ފްރާންސްގެ ލިޔޯންގެ އެންޑްރިކްވާނީ މިފަހަރުގެ މުބާރާތުގެ ތަރިއަކަށްކަމުގައި ޤަބޫލުކުރެވެއެވެ. ތަޖުރިބާކާރު ގޯލްކީޕަރު އެލިސަން ބެކާ ހުރުމަކީވެސް ބްރެޒިލްއަށް ލިބޭނެ އިތުރު ހިއްވަރެކެވެ.

ގްރޫޕް ސްޓޭޖް
ބްރެޒިލް މިފަހަރު ވާދަކުރަންޖެހޭ ގްރޫޕުގައި ހިމެނޭ ޓީމުތަކަށް ބަލާއިރު، ބްރެޒިލަށް ނޮކައުޓަށް ނުދެވެންވީ ސަބަބެއް ނެތެވެ. އެހެން ނަމަވެސް، ފުރަތަމަ މެޗުގައި މޮރޮކޯއާއި ބައްދަލުކުރާ މެޗަކީ ހުރިހާ ގޮތަކުންވެސް ބްރެޒިލަށް ނުހަނު އުނދަގޫ މެޗެކެވެ. މޮރޮކޯ ޓީމުގައި ގިނައިން ހިމެނެނީ އެންމެ ފަހުގެ ވޯލްޑްކަޕް މުބާރާތުގައިވެސް ހިމެނުނު ކުޅުންތެރިން ކަމުގައިވާއިރު، ބްރެޒިލަށް ކުރިމަތިވެފައިވާ ފޯމުގެ މައްސަލަތަކާއި ކުޅުންތެރިންގެ އަނިޔާގެ މައްސަލަތަކާހުރެ، މޮރޮކޯގެ ހަލުވި ކުޅުންތެރިން ހިފަހައްޓާލުމަކީ ބްރެޒިލަށް ފަސޭހަކަމެއް ނޫނެވެ. މޮރޮކޯއާއި ބްރެޒިލް 3 ފަހަރަކު ވާދަކުރިއިރު، ބްރެޒިލަށް އެންމެ ފަހުން މޮރޮކޯ ބަލިކުރެވުނީވެސް 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑްކަޕް މުބާރާތުގައެވެ. ސްކޮޓްލޭންޑް މެޗަކީވެސް ބްރެޒިލް އުނދަގޫ މެޗަކަށް ވެގެންދާނެކަމުގައި ބެލެވެއެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ބްރެޒިލްވަނީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕްގައި 2-1 ގެ ނަތީޖާއިން ސްކޮޓްލޭންޑް ބަލިކޮށްފައި ކަމުގައިވިއަސް، އޭރުގައި ބްރެޒިލްގައި ތިބި ރޮނާލްޑޯ، ރޮބާޓޯ ކާލޯސް، ރިވާލްޑޯ އަދި ޑެނިލްސަން ފަދަ ބްރެޒިލްގެ ޓީމުވަންތަ ފުޓުބޯޅަކުޅުނު އެއްވެސް ކުޅުންތެރިއަކު މިހާރަކު ޓީމުގައި ނެތެވެ. ވީމާ، ގްރޫޕް ސްޓޭޖަކީ ބްރެޒިލަށް އެންމެ އުނދަގޫ މަރުޙަލާކަމުގައި ޝައްކެތްވެސް ނެތެވެ.