ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް ކުރަމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން 400 މީޓަރުގެ ސަރަހައްދު ޝީޓް ޕައިލް ކޮށްފި އެވެ.
އެކުންފުނިން ބުނީ ބޮޑުތަކުރުފާނު މަގުމަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ 2، 3 އަދި 4 ވަނަ ސެގްމަންޓްގެ ދަށުން 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކޮށްފައިވާ ކަމަށާއި އަދި މިދިޔަ ހަފުތާގައި ކުއޭވޯލް ކޭޕިންގެ މަސައްކަތް ފެށުމާ އެކު، ސެގްމެންޓް 4ގައި ސައިޑްވޯކް އެޅުމުގެ މަސައްކަތްވެސް ވަނީ ފަށައިފައި ކަމަށެވެ.

މީގެ އިތުރުން ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މި ހަފްތާ ނިމުމުގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
އަދި ފެނުގެ މައި ޕައިޕްލައިންތަކާއި، ސްޓޯމް ވޯޓަރ ކެޗްޕިޓް އަދި ސްޓޯމްވޯޓަރ ވެލް އެޅުމާއި، އެންކަރ ބްލޮކް އިންސްޓޯލް ކުރުމާއި، ކުއޭވޯލް ޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް އެ ކުފުނިން ވަނީ ބުނެފައެވެ.
ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރު އެމަގު ހެދުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 144.5 މިލިއަން ރުފިޔާ އަށެވެ.
މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 455 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 144.5 މިލިޔަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން މަގު ފުޅާ ކުރާއިރު ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރަށް ރޯޑް މާރކިން އަދި ސައިން ބޯޓް ހަރުކުރުންވެސް މި ހިމެނެއެވެ.
މި މަސައްކަތުގެ ދަށުން އެކުންފުނިން މިހާރުވަނީ އެމްއެމްއޭ އިން ފެށިގެން ނޯޓް ހާބަރާ ހިސާބަށް ހިމެނޭ ސަރަހައްދުގެ މަގުހެދުމުގެ މަސައްކަތް އެއްކޮށް ނިންމާފައެވެ.