ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކުޑަކުދިން ބޭނުންކޮށްގެން ގއ ވިލިނގިލީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ބެލެވޭ ނެޓްވޯކެއް ހުއްޓުވުމަށް ގއ. ވިލިނގިލި ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި ނެޓްވޯކުގެ އިސް ފަރާތްތައް ކަމުގައި ފާހަގަކުރެވޭ ގއ. ވިލިނގިލި، އެތެންސް / މުޙައްމަދު ޢަޠޫފް ޙަބީބް (25އ) އާއި ގއ. ވިލިނގިލި، ދެތަޑިމާގެ / މުޙައްމަދު ރާއިފް ޙުސައިން (20އ) ހައްޔަރުކޮސްފައިވާ ކަމަށެވެ.
2026 މެއި 28 ވަނަ ދުވަހުގެ ހެނދުނު ހިންގި މި އޮޕަރޭޝަނުގައި 4 ގެއެއް ބަލައިފާސްކޮށް، ވަގުތީ ބަރުދަނުގައި ޖުމްލަ 66.92 ގްރާމް މަސްތުވާތަކެތި ހޯދާފައިވާ ކަމަށާއި، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ޢަޠޫފް 15 ދުވަހަށް ބަންދު ކުރުމަށް އަދި މުޙައްމަދު ރާއިފް ޙުސައިން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އަދި ފުލުހުން ބުނީ މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު 17/2011 އަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓްކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީ އެ މީހުން އެކަމުން ދުރަށް ގެންދެވޭނެ ގޮތްތައް ހޯދުމުގެ މަގުސަދުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު 19/2019 ގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށްތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއް ކަމަށެވެ.