ރާއްޖޭގެ އިޤްތިޞާދު ހިނގަމުންދަނީ މިސްރާބެއްގައި ކަމަށާއި، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދެން ދަށަށްދިއުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ފައިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސާއިދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ ސައީދު ވިދާޅުވީ މެދުއިރުމަތީ ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އައި ހީނަރުކަމުގެ ތެރޭގައިވެސް ރާއްޖޭގެ އިޤްތިޞާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން ވަނީ މަތިކޮށްފައި ކަމަށެވެ.
އެގޮތުން ފިޗުން އެންމެފަހުން ނެރުނު ރޭޓިންގައި ވަނީ ކުރިން ރާއްޖޭގައި އޮތް "ސީސީ" ރޭޓިންގ "ސީސީސީ -"އަށް މަތިކޮށްފައި ކަމަށާއި، ކްރެޑިޓް ރޭޓިންއަށް ލިބުނު މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން ގެނެސްފައިވާ ރެވެނިއު ސައިޑް ރީފޯމްތައް ކަމަށެވެ.
އަދި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި، ބޭރު ފައިސާއާއި ގުޅޭގޮތުން ގާނޫނުގެ ދަށުން ތަންފީޒުކުރާ ކަންތައްތައް ވެސް އެ ކުރިއެރުމުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ އާމްދަނީ އުފުލިފައިވުމާއި، ޚަރަދުތައް ކޮންޓްރޯލްކުރުމުގެ ސަބަބުން ފިޗުގެ ރިޕޯޓުގައި ރާއްޖޭގެ ދަރަނީގެ ޒިންމާތައް އަދާ ނުކުރެވިދާނެ ކަމުގެ ބިރު ކުޑަކަން ފާހަގަކޮށްފައިވާ ކަމަށްވެސް ސައީދު ވިދާޅުވެފައި ވެއެވެ.