މިދިޔަ ރަމަޟާން މަހުން ފެށިގެން މިހާތަނަށް ޖަލަށް ވައްދަން އުޅުނު 5 ޑްރޯން ހިފަހައްޓާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ ޖަލަށް ވެއްދުން މަނާތަކެތި ކޮންޓްރޯލްކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށާއޮ ނަމަވެސް ޕްރިޒަންސް އޮފިސަރުންގެ މަސައްކަތުން ވަރަށް ބޯޑަށް އެކަންކަން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ހަސަން ޒަރީރް ވިދާޅުވީ ސްކޭމްގެ ބޮޑެތި މައްސަލަތަކުގައި އާންމުންގެ ފައިސާ ގެއްލުމުގެ ގިނަ ކޭސްތަކާ ގުޅިގެން ބަލާއިރު މިފަދަ ގިނަ ކުށްތަކަށް އަރައިގަންނަނީ ޖަލުތަކުގައި ތިބޭ ގައިދީންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ޖަލުތަކުން ފޯނާއި އެނޫންވެސް ޑިވައިސްތަކާއި މަސްތުވާތަކެތި ވެއްދުމުގެ ކުށްތައް އިތުރުވެފައިވާއިރު މިކަން ކޮންޓްރޯލްކުރުމަށް މާބޮޑެތި މަސައްކަތްތަކެއް ވޭތިވެ ދިޔަ މާޒީގައި ކުރެވިފައިނުވާ ކަމަށްވެސް ހަސަން ޒަރީރް ވިދާޅުވި އެވެ.
ނަމަވެސް އެފަދަ ކަންކަން މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭން ކުރެވޭ ސްކޭނަރެއް މިއަހަރުގެ ފެބުރުވަރީ މަހު ހަރުކުރެވިފައިވާ ކަމަށާއި އަދި ބަގޭޖް ސްކްރީންކުރުމަށް ބޭނުންވާ ސިސްޓަމް މިހާރު ގެނެސް އިންސްޓޯލްކުރުމުގެ މަސައްކަތް ނިމި މިމަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރް ވިދާޅުވިއެވެ.