މިހާރު ކުރިއަށްދާ އެމްޑީޕީގެ ޗެއަރޕާރސަންގެ އިންތިހާބުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހިނގަމުންދާކަމަށް މިއިންތިހާބުގައި އެއްކޮޅުން ވާދަކުރައްވާ ގަލޮޅު އުތުރުދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މި އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަކުން މީކާއީލް ވިދާޅުވީ، އިންތިހާބުގައި ވޯޓުލުން ކުރިއަށްދާއިރު ގަބޫލުކުރަންދަތި އެތައް ކަންތަކެއް ފެންނަމުންދާކަމަށެވެ. މިގޮތުން ބައެއް ރަށްރަށުގައި އެމަނިކުފާނަށް ތާއީދު ކުރާ ބައެއް މީހުން ލިސްޓުން އުނިކޮށް ވޯޓު ލުމަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި ބައެއް ފޮށިތައް ފަޅާލައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވޯޓްފޮށިތައް ކައިރީ ތިބެއް އޭނާގެ މަންދޫބުންނަށް ފާސް ދޭން ދެކޮޅު ހަދަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މީކާއީލް ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި މިފަދަ ކަންތައްތަކެއް ފެނުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން 2018 ވަނަ އަހަރު ރިޔާސީ ޕްރައިމަރީއަށް ފަހު ކަންތައްވީގޮތަށް ވުމުގެ ފުރުޞަތު އޮވެދާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މީކާއީލް ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރެވޭނީ އެއާރޕާސަންގެ އިންތިހާބު އިންސާފުވެރިވެވެގެން ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށްމިދަނީ އިންސާވެރި އިންތިހާބެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
މި އިންތިހާބުގައި ވާދަ ކުރައްވަނީ މީކާއީލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެ އެވެ.
ވޯޓުލުން ކުރިއަށްދާނީ ރޭގަނޑު 8:30 ވަންދެކަށެވެ. ވޯޓުލާ ނިމުމާއެކު ވޯޓުގެ ގުނުމުގެ އިންތިޒާމުތައް ކުރިއަށްގެންދަންޖެހެ އެވެ. މިއަދުގެ އިންތިހާބުގައި 241 ވޯޓު މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ.