ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޙާބުގެ އިތުރު ބުރުގެ ވޯޓުލުން ފަށައިފިއެވެ.
މިއަހަރުގެ އޭޕްރީލް 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދ މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓާއި އެމްޑީއޭ ގެ ކެނޑިޑޭޓުގެ ވޯޓު އެއްވަރުވުމާ ގުޅިގެންނެވެ.
ވޯޓު އެއްވަރުވީ އެ އިންތިހާބުގައި އެރަށުގައި ބެހެއްޓި ދ.މީދޫ-2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާއި ގުޅިގެން ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.
މިއަދު ކުރިއަށްދާ ދ. މީދޫ ކައުންސިލް އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 3 ފޯޓެއް ބަހައްޓާފައެވެ. މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ދ. އަތޮޅު މަދުރަސާގައާއި 2 ފޮށި އަދި މާލޭގެ ދަރުމަވަންތަ ސްކޫލުގައި ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
އަދި މި އިންތިޚާބުގެ ވޯޓުލުން ހެނދުނު 8:00 އިން 4:00 އަށް ކުރިއަށްދާނެއެވެ.