ޕީއެންސީގެ ފިކުރަކީ އިސްލާމްދީން މަތިވެރިކޮށް ގައުމު އިސްކޮށްގެން ގައުމު ކުރިއަށް ނެރޭ ގައުމީ ފިކުރު ކަމަށާއި އެ ފިކުރުން އިސްލާމް ދީނަށް ނަސްރު ދިނުމާއި ހަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ގެނެސްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ދ މީދޫ ކައުންސިލް ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގައި ޕީއެންސީއށް ލިބުނު ކާމީޔާބީ ފާހަގަކުރުމަށް ރޭ އެރަށުގައި ބޭއްވި ޖަލްސާ ގައި ޥާހަކަދައްކަވަމޫން ރައީސް ޑރ މުއިއްޒު ވިދާޅުވީ ޕީއެންސީގެ ފިކުރަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ތާއީދުކުރާ ފިކުރު ކަމަށާއި އެ ފިކުރަކީ ގުޑާނެ ފިކުރެއް ނޫންކަމަށެވެ. އެގޮތުން ޕީއެންސީ އުފެދުނު ފަހުން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ގިނަ އިންތިހާބު ކާމިޔާބުކުރި އެ ޕާޓީން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އިތުރަށް ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ކުރައްވާނެ މަސައްކަތަކީ އެ ފިކުރު ކުރިއެރުވުން ކަމަށާއި އެ ގޮތުން މާތްވެގެންވާ އިސްލާމްދީންް މަތިވެރިކޮށް އެ ދީނަށް ނަސްރުދިނުމުގެ ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރުމާއެކު، ރާއްޖޭގައި ހަމަޖެހުން ގާއިމުކޮށް، ތަރައްގީ ހާސިލުކޮށްދީ، ހުރިހާ ސިފައެއްގައި ހުރިހާ މާނައެއްގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.