އަމިއްލަ އެދުމެއްނެތި އިޚްލާޞްތެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫޙު އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ހިޖުރީ ސަނަތުން 1448ވަނަ އަހަރު ފެށުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސްޖުގައި ވިދާޅުވީ މިފެށުނު ހިޖުރީ އާ އަހަރަކީ، ތިމާގެ އަމިއްލަ ނަފުސާއި މުޖުތަމަޢުގެ ޙާލަތާމެދު ފުންކޮށް ވިސްނައި، އެއްބައިވަންތަކަން އާލާކުރުމާ، މުޅި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އޯގާތެރިކަން އިސްކޮށް، އަމިއްލަ އެދުމެއްނެތި، އިޚްލާޞްތެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިވެ އުޅުމުގެ ރޫޙު އާލާކުރަންވީ ވަގުތު ކަމަށެވެ.
އަދި މީގެ އިތުރުން އިސްލާމީ ޤައުމުތަކާ، ސަރުކާރުތަކުގެ އިސްވެރިންނަށާއި، ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކުގެ އިސްވެރިންނަށް ހެޔޮ އެދުމާއި ތަހުނިޔާ ރައީސް ޑރ މުއިއްޒު ވަނީ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވަނީ، ކުރިއަށް އޮތް އަހަރަކީ އިސްލާމީ އުންމަތުގެ އީމާންތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ އަހަރަކަށް ވުމަށް އެދިވަޑައިގެން، މުޅި އިސްލާމީ އުންމަތަށް ދެމިގެންދާފަދަ ސުލްހަވެރިކަމާއި، ފާގަތިކަމާއި، އެއްބައިވަންތަކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން، އިޚްލާޞްތެރިކަމާއެކު ދުޢާ ދަންނަވާފައިވެއެވެ.