މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ސިޓީން 4 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ 2 އޮޕަރޭޝަނެއްގައި 4 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ އޮޕަރޭޝަން ހިންގާފައިވަނީ ގަން ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ސައުތު ޕޮލިސް ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމު އަދި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

އަދި އެ ދުވަހު ހިންގި އެ ދެ އޮޕަރޭޝަންގެ ތެރެއިން އެއް އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ފޭދޫ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، އެ ގެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 4.8 ގުރާމް ހުރި 35 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒރުކުރުމުން ސ. ފޭދޫ / ހަނދުވަރު، އަޙްމަދު ލީން ފާރޫޤު (27އ) އާއި ސ. މަރަދޫފޭދޫ / ސޭންޑީބީޗް، ޢަބްދުﷲ ފަޒީން (41އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު އަނެއް މީހާވަނީ ކޯޓުން ދޫކޮށްލާފައެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އެވެ. އެ އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 2.81 ގުރާމް ކަމަށާއި، މި މައްސަލައާ ގުޅިގެން އަޙްމަދު ޝަރަތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *