މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ބެޗްލާސް ޑިގްރީ އާއި މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތުތަކާއެކުއެމްއެމްއޭއިން ހުޅުވާލާފައިވާ ފުރުސަތުތަކުގެ ދަށުން މެލޭޝިޔާގެ މަޝްހޫރު ޔުނިވާސިޓީތަކުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ދަށުން ލިބިގެންދާނެ އެވެ.
އެގޮތުން ބެޗްލަރ އޮފް އެކައުންޓިންއިން ސްކޮލާޝިޕް ފުރުސަތު ހުޅުވާލާފައިވަނީ މެލޭޝިއާގެ ސެލަންގޯ އިސްލާމިކް ޔުނިވަސިޓީ އިންނެވެ. މާސްޓާ އޮފް އިކޮނޮމިކްސް އިން ކިޔެވުމުގެ ފުރިުސަތު ހުޅުވާލާފައިވަނީ މެލޭޝިއާގެ އިންޓަނޭޝަލް އިސްލާމިކް ޔުނިވާސިޓީ އިންނެވެ. އަދި މާސްޓާ އޮފް ލޯސް އިން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެލޭޝިއާގެ އިންޓަނޭޝަލް އިސްލާމިކް ޔުނިވާސިޓީ އިންނެވެ. މީގެ އިތުރުން ޕީއެޗްޑީ (އިންސީފް ޔުނިވާސިޓީ، މެލޭޝިޔާ) ފުރުސަތު ހުޅުވާލާފައިވަނީ އިސްލާމިކް ފައިނޭންސް ނުވަތަ އެޕްލައިޑް މުއާމަލާތުގެ ދާއިރާއިން ނެވެ.
އެމްއެމްއޭ އިން އިތުރަށް މައުލޫމާތުދީފައިވާ ގޮތުގައި މި ސްކޮލާޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް، ކޯހުގެ ޓިއުޝަން ފީ އާއި ޔުނިވަސިޓީއަށް ދައްކަންޖެހޭ ހުރިހާ ފީއެއް އެ ބޭންކުން ދައްކައި ދިނުމަށް ހަމަޖެހިފައިވެއެވެ.
އަދު ކިޔަވަން ހުރުމުގައި ކުރާ ދިރިއުޅުމުގެ ހުރިހާ ހަރަދަކާއި، ފޮތް ގަތުމުގެ އެލަވަންސްއާ، އެސްޓެބްލިޝްމަންޓް އެލަވަންސްގެ އިތުރުން ޑިޕާޗާ އެލަވަންސް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ދަރިވަރުންގެ ވިސާ ހަރަދާއި ހެލްތު އިންޝުއަރެންސް ވެސް މި ސްކޮލާޝިޕްގެ ދަށުން ހަމަޖައްސައިދިނުމަށް ނިންމާފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
ކޯސް ނިންމުމަށްފަހު މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެ މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ، މިމަހުގެ 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އަށެވެ.