އަދި ހިދުމަތް ވިލިންގިލީގައި ފެށުމަށް ވަމުން އަންނަ ތައްޔާރީތައް ބައްލަވާލެއްވުމަށްޓަކައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ އާއި، ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު އިސްމާޢީލް މިއަދު ވަނީ ވިލިމާލެއަށް ވަޑައިގަންނަވާފައެވެ.
މި ޒިޔާރަތުގެ މަގުސަދަކީ ވިލިމާލޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާ މިންވަރު ދެނެގަތުމެވެ.
މާލެ ޓެކްސީ ލައިންގެ ޚިދުމަތަކީ މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތީން ފަރުމާކުރައްވައި، މިދިޔަ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙުކުރި ޚިދުމަތެކެވެ. އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި ޚިދުމަތް ފެށިތާ ފުރަތަމަ މަހުގެ ތެރޭގައި އެކަނިވެސް 13,000 އަށްވުރެ ގިނަ ދަތުރު ވަނީ ކޮށްފައެވެ.
މި ޚިދުމަތް ދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ޖުމްލަ 150 އުޅަނދު ވަނީ ރާއްޖެ ގެނެސްފައެވެ. މީގެ ތެރޭގައި ތިން ސައިޒެއްގެ އުޅަނދުތައް ހިމެނޭއިރު، މިއީ %100 ތިމާވެއްޓާ ރައްޓެހި (އިލެކްޓްރިކް) އުޅަނދުތަކެކެވެ. ވިލިމާލޭގައި މި ޚިދުމަތް ފެށުމުން، އެ ރަށުގެ ތިމާވެށި ހިމާޔަތްކުރެވޭނެ ފަދަ ގޮތަކަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ޚިދުމަތާއެކު ވިލިމާލޭގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ދާއިރާއިން ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.