މިއަހަރު ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި އަދަދަށްވުރެ 5.3 އިންސައްތަ އިތުރަށް މިހާތަނަށް ހިލޭ އެހީ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ވާގޮތުން، މި އަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަޔަލަށް ހިލޭ އެހީގެ ގޮތުގައި 393.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ނަމަވެސް މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 373.6 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް ލިބުނު ހިލޭއެހީގެ އަދަދު ވަނީ މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 5.3 އިންސައްތަ އިތުރަށް ހިލޭ އެހީ ލިބިފައެވެ.
މީގެ އިތުރުން މިދިޔަ އަހަރާ އަޅާަބަލާއިރު މިއަހަރު މިހާތަނަށް ލިބުނު އާމްދަނީގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 128.7 ބިލިއަން ރުފިޔާގެ ލިބިފައިވާއިރު އެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.