ފޭދޫ ސިޓީ އޮޓޯ ގަރާޖުން ވައްކަންކުރި ބަޔަކު ހައްޔަރުކޮށްފި

ސ. ފޭދޫ "ސިޓީ އޮޓޯ ގަރާޖު" ފިހާރައިން ވައްކަން ކުރި 2 މީހަކު ހޯދައި ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސ ފޭދޫ އޮޓޯ ސިޓީ ގަރާޖުގެ ފިހާރައިން ވައްކަން ކުރިކަމުގެ ރިޕޯޓެއް ލިބުނުތާ 24 ގަޑިއިރުގެ ތެރޭގައި އެ ފިހާރައިން ވައްކަންކުރި މީހުންނާއި ބވަގަށް ނެގި ތަކެތި ހޯދާފައިވާ ކަމަށޭވެ.

މި މަހުގެ 13 ވަނަ ދުވަހު އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ތުހުމަތުކުރެވޭ މީހުންނާއި ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރިއަށްގެންދިޔަ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން، މި މައްސަލައިގައި ތުހުމަތުކުރެވޭ 2 މީހުން އެ ދުވަހުގެ އިރުއޮއްސި 18:47 ހާއިރު ސ. މަރަދޫއިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދށަށް ގެނެސްފައިވާ ކަމަށާއި، އަދި އެ މީހުން ދުއްވި ސައިކަލުގެ މަޑިދަށުން ވައްކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދަތްދަގަނޑަކާއި ދަބަހެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ސ. ހިތަދޫގައި ދިރިއުޅޭ ގެއަށް، އެ ގޭގޭގެ ވެރިފަރާތުގެ ހުއްދައާއެކު ވަދެ ފުލުހުން ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށް ނަގާފައިވާ އަގުބޮޑު ގިނަ ތަކެތި ވަނީ ފެނިފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

އެގެއިން ފެނިފައިވާ ތަކެތީގެ ތެރޭގައި 4 ކަރަންޓު ބުރުމާ، 1 ގްރޭންޑަރު، 1 ޓެބްލެޓް، 1 މޮބައިލް ފޯނު، ކަޓަރުތަކެއްގެ އިތުރުން އެ ފިހާރައިގެ ކޭޝް ޑްރޯވަރާއި ތަޅުދަނޑިތަކެއް ހިމެނޭ ކަމަށާއި، އެ ތަކެތި މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ފޯޓްރެސް، އަޙްމަދު ފަރީދު (42އ) އާއި ސ. ހިތަދޫ، ހިންދޫރަމާގެ، ޙުސައިން ރަޝީދު (42އ) އެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 13 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *