އައްޑޫ ސިޓީ ހިތަދޫގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް ކުށްމަދުކުރުމުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ބައްދަލުވުމެއް ފުލުހުން ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ސައުތު ޕޮލިސް ރީޖަން ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރާއި ހިތަދޫ ޕޮލިސް އިންޗާޖް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އިރުޝާދު އެވެ.
މި ބައްދަލުވުމުގެ އެއް ބައެއްގެ ގޮތުގައި ކުރިއަށް ގެންދެވީ 2026 ޖޫން 8 އިން ޖޫން 30 ވަނަ ދުވަހާ ހަމައަށް ކުށްމަދު ކުރުމަށް އަމާޒުކޮށްގެން ހިތަދޫގައި ކުރިއަށް ގެންދެނުވުނު މަސައްކަތްތަކުގެ ނަތީޖާ ވިޔަފާރިވެރިންނާ ހިއްސާކުރުމެވެ.
މި މަސައްކަތްތަކުގެ ތެރެއިން ހިތަދޫގައި ކުށް މަދުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ރީޖަން ކޮމާންޑަރު އަހުމަދު ޝާކިރު ވިޔަފާރިވެރިންނާ ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން ހިތަދޫއަކީ ކުށުގެ ބިރުވެރިކަން ކުޑަ އަމާން އަދި ރައްކާތެރި މާހައުލެއް އޮތް ތަނަކަށް ހެދުމުގެ ލަނޑުދަނޑިއާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނެވެ. ވިޔަފާރި ކޮމިއުނިޓީގެ ފަރާތުން ފުލުހުންނަށް ބޭނުންވާ އެއްބާރުލުން ދެނެގަތުމާއި ރައްޔިތުންނާއި ފުލުހުންގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެ ފަރާތުން ހިޔާލު ބަދަލުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
އަދި ފުލުހުންގެ ހިދުމަތް މިހާރަށް ވުރެ ހަރުދަނާކޮށް އަވަހަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.