މީޙުނދިރިއުޅޭ ހުރިހާ ރަށެއްގައި ކުތުބުހާނާ ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައި: ހެރިޓޭޖް މިނިސްޓްރީ

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުތުބުޚާނާގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުތުބުޚާނާގެ ޚިދުމަތް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އަދި ކޮންމެ ރައްޔިތަކަށްވެސް، އެމީހަކު ދިރިއުޅޭ ރަށަކުން މި ޚިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން ކަމަށެވެ.

އެގޮތުން މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފޮތާއި، މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެއްކަމަށާއި، އެ އަމާޒަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ދަނީ ބާރުމިނުގައި ކުރަމުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ ބޭނުމަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް، އެ ރަށަކާ އެކަށީގެންވާ ފަންތިއެއްގައި ކުތުބުޚާނާގެ ޚިދުމަތް ލިބެން ހުރުން"  ސްޓޭޓް މިނިސްޓަރ ޝަކީލް ވިދާޅުވިއެވެ.

އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ކުތުބުޚާނާ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި ހެރިޓޭޖް މިނިސްޓްރީން ބުނީ 100 އަށްވުރެ ގިނަ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، ކުތުބުޚާނާގެ ޚިދުމަތް ތަރައްގީކުރުމުގެ ގައުމީ އޮނިގަނޑެއް މިހާރު ވަނީ އެކުލަވާލާފައި ކަމަށެވެ.

އަދި ހުރިހާ ރަށު ކައުންސިލްތަކެއް ހިމެނޭހެން ކުރިއަށްގެންދިޔަ ދިރާސާއަކުން، ކުތުބުޚާނާގެ ޚިދުމަތަކީ ރައްޔިތުން އިންތިހާއަށް ބޭނުންވާ ޚިދުމަތެއްކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށްވެސް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *