ކ.ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި، ކ.ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢުގެ މަސައްކަތު އެއްބަސްވުމުގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާއީލް އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
ތުލުސްދޫގައި ތަރައްގީކުރާ އިސްރަށްވެހިންގެ ހިޔާވަހި ގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމުތައް ހިންގާނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 100 މީހުންގެ ޖާގައިގެ އިމާރާތެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ދޮޅު އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އަދި ޖެންޑަރ މިނިސްޓްރީން ބުނީ ރާއްޖޭގެ 3 ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ގާއިމުކުރުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށާއި، އެގޮތުން ތުލުސްދޫގައި ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާ އާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަށްވެސް ހަމަޖެހިފައިވާ މަރުކަޒެއް ކަމަށެވެ.