ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 2 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށާއި، އެގޮތުން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 2 މީހުން ކަމުގައިވާ ރޮކިބުލް ހަސަން (24އ) އާއި، އެމް ޑީ ޖަކިރް ހޮސެއިން (29އ) ކަމަށެވެ.
އަދި އެ އޮޕަރޭޝަނުގައި މާލޭ މަގުމަތިން އެ 2 މީހުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި، އެ މީހުން އަތުގައި ހުރި ތަކެއްޗާއި ސައިކަލު އަދި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު 17 ފުޅި ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށާއި އަދި އެ މީހުން ދުއްވި ސައިކަލު ވަނީ ޓޯކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.