އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކޮރަޕްޝަން ހުއްޓުވުމަށް އެއްބާރުލުން ދިނުމާގުޅޭ ގޮތުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު އެވެ.
މި ފަހުމުނާމާގެ ދަށުން ކަރަޕްޝަން ހުއްޓުވުމާގުޅޭ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއި، ކަރަޕްޝަން ހުއްޓުވުމާ ގުޅޭގޮތުން އޭސީސީ އިން ދޭ ލަފާ ދެ މުވައްސަސާ ގުޅިގެން ބޭނުންކުރުންވެސް ހިމެނޭ ކަމަށް އޭސީސީ އިން ބުނެއެވެ.
އަދި ސްޓެލްކޯގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ވާކްޝޮޕްތަކާއި މަހާސިންތާތަކުގައި ބައިވެރިވުމުގެ ފުރުސަތު ސްޓެލްކޯގެ މުވައްޒަފުންނަށް ދިނުން ވެސް ހިމެނޭކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.