ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެގްޒެކްޓިވް ޓީމްގެ މެންބަރުންގެ ދައުރަށްވެސް ބަދަލުތަކެއް ގެނެސްފިއެވެ.
އެ ބޭންކުން ބުނީ މި ބަދަލަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމަށް އަމާޒުކޮށްގެން ގެނެވުނު ބަދަލުތަކެއް ކަމަށެވެ.
އަދި މިއީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވައިލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތަށް ބޭންކުގެ މަސައްކަތްތައް ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ބޭންކުން ބުނެއެވެ.
މީގެ އިތުރުން ހިންގުމުގެ އޮނިގަނޑަށް މި ގެނެވުނު ބަދަލުތަކުގެ ތެރެއިން، ސީނިއަރ މެނޭޖްމަންޓް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ. އެގޮތުން ގެނެވުނު ބަދަލުތަކަކީ:
- އައިޝަތު ޒަމްރާ ޒާހިރު — ޗީފް ކޮމަރޝަލް އޮފިސަރު
- މޫސާ ނިމާލް — ޗީފް މާކެޓިންގ އޮފިސަރު
- ރަޝްފާ ޖައުފަރު — ޗީފް ރިސްކް އޮފިސަރު
- ގެރީ ލޯޓަން — ޗީފް ކްރެޑިޓް އޮފިސަރު
މި ބަދަލުތަކަކީ ބޭންކުގެ ކުރިއެރުމަށްޓަކައި ގެނެވޭ ބަދަލުތަކެއް. ބޭންކު މިވަގުތު އޮތީ ހަރުދަނާ މާލީ ހާލަތެއްގައި. އަދި އަޅުގަނޑުމެންގެ މަގުސަދަކީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ބޭންކުގެ ކުރިއެރުން ހަލުވިކުރުން. އިސް މަގާމުތަކުގެ ދައުރުތަކަށް ވަގުތީ ގޮތުން މި ގެނެވޭ ބަދަލަކީ ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް. ތަޖުރިބާކާރު ވެރިންނަށް އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ، އެ ބޭފުޅުންގެ ހުނަރު އިތުރުވުމުގެ އިތުރުން މުޅި މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ މި ޓީމަށް އަޅުގަނޑުމެންގެ އޮތް އިތުބާރާއި، ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް." ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވި އެވެ.
އަދި އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކުން ހާމަވަނީ ބޭންކް އޮފް މޯލްޑިވްސް އިތުރަށް ހަރުދަނާކޮށް، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭންކު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަށް ކަމަށާއި، އަދި މީގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށް އެ ބޭންކުން ބުނެއެވެ.
މިއީ ބޭންކުގެ އެތެރޭގެ ހިންގުމަށް ގެނެވުނު ބަދަލުތަކަކަށް ވާތީ، ކަސްޓަމަރުންނަށް ބޭންކުން ފޯރުކޮށްދޭ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކަށް ނުވަތަ މިހާރު މުއާމަލާތް ކުރަމުންދާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.
މި އައު އޮނިގަނޑަށް އަމަލުކުރަން ފަށާފައިވަނީ 4 އޯގަސްޓް 2026 އިން ފެށިގެންނެވެ.