ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް ވަޑައިގަންނަވައިފިއެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅަކީ އުކުޅަހުގައި މިހާރު ކުރިއަށްދާ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުމުން، އުކުޅަހު ކައުންސިލާއި އެކިއެކި މުއައްސަސާތަކުގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރައްވާ މި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ރަށުގެ ތަރައްޤީއަށާއި އާންމު ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަޝްރޫޢުތަކާގުޅޭ ހަފުލާތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.