ޓެރަރިޒަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުން ސީރިޔާ އުނިކުރުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާފައެވެ.
މި ކަމާ ގުޅިގެން ދިވެހި ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމެރިކާގެ މި ނިންމުމުގެ ސަބަބުން ސީރިޔާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، އެމީހުންގެ ދިރިއުޅުމަށް އާރޯކަން ލިބިދޭނެ ކަމަށާއި، އަދި ސީރިޔާ އަލުން އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އެކަމުގެ ސަބަބުން އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރާ ކަމަށެވެ.
މީގެ އިތުރުން، ސީރިޔާގެ މިނިވަންކަމާއި، އިސްތިގުލާލާއި، ސަރަހައްދީ ހަމަޖެހުންގެނައުމަށްޓަކައި އެމެރިކާއިން ނިންމި އެ ނިންމުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާ ކަމަށާއި، އަދި ސީރިޔާގެ ރައްޔިތުންގެ އުންމީދުތައް ހާސިލުވާނޭ ފަދަ، އެ ގައުމުގެ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ، ސުލްހަވެރި ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަންވެސް އެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ.