ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) އަކީ 51 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހަދައި، މޯލްޑިވްސް ވޯޓާއެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށް ހަދަން ނިންމާފައިވާކަމަސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ ވިއްކާލާފައިވާ ހިއްސާ އާއި ދިރާގުން ވިއްކާލާފައިވާ ހިއްސާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ކުރުމަށް ކެބިނެޓުން ނިންމައި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ރައީސް ޑރ މުއިއްޒު އިތުރަށް ވިދާޅުވީ އެގޮތުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދިރާގުގެ މެޖޯރިޓީ ހިއްސާ ދޫކޮށްފައިވާ އިރު އެ ހިއްސާ އަލުން ސަރުކާރަށް ނަގައި އެ ކުންފުންޏަކީ ސަރުކާރުގެ 51 ޕަސެންޓް ހިއްސާ އޮތް ކުންފުންޏަކަށް ހެދުމަށް ނިންމަވާފައިވާ ކަމަށެވެ.
އަދި ދިރާގުގެ ސަރުކާރުގެ ހިއްސާ 51 އިންސައްތައަށް ހެދުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެސް ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން އެމްޑަބްލިޔުއެސްސީއަކީ ވެސް ސަރުކާރަށް ވަރަށް ފައިދާވާ ކުންފުންޏެއް ކަމަށް ވިދާޅުވެ ރައީސް ޑރ މުއިއްޒު ވިދާޅުވީ އެ ކުންފުންޏަކީ 100 އިންސައްތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏަކަށް ހަދަން ނިންމާފައިވާ ކަަމަށެވެ.
އަދި އެމްޑަބްލިޔުއެސްސީގެ 100 އިންސައްތަ ހިއްސާ ސަރުކާރުން ގަތުމަކީވެސް ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެސް ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.
ދިރާގުގައި މިހާރު އޮންނަނީ ސަރުކާރުގެ 41.8 އިންސައްތަ ހިއްސާ އެވެ. އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ އޮންނަނީ ބީޓީސީ އައިލެންޑް ލިމިޓެޑުންނެވެ. އަދި އެމްޑަބްލިޔުއެސްސީގައި ސަރުކާރުގެ 80 އިންސައްތަ ހިއްސާ އޮންނައިރު 20 އިންސައްތަ ހިއްސާ އޮންނާނީ ޖަޕާންގެ ހިޓާޗީ ކުންފުނީގެ ދަށުގައެވެ.




