Advertisement
BML Home 2nd Ad

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2026 ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓަލުގައި ފަށައިފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ "ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް" (އެފްއެޗްއޭއެމް 2026) މިއަދު ހުޅުމާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓަލުގައި މި މަހުގެ 7 އިން 9 އަށް ކުރިއަށްދާ މި ފެއާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒު އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި، އައު އީޖާދުތަކާއި، މުބާރާތްތަކުގެ އިތުރުން ދާއިރާގެ އިސް ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާމި ފުޑް އެންންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ފެއާ އަކީ މިހާތަނަށް އެންމެ ގިނަ ޤައުމުތަކުން ބައިވެރިވާ ފެއާއެވެ.

އެގޮތުން 22 އަށްވުރެ ގިނަ ޤައުމުގެ 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާއިރު، މީގެ ތެރޭގައި ބައިނަލްއަޤްވާމީ ހަތަރު ޤައުމީ ޕެވިލިއަން ހިމެނެއެވެ. މި ފެއާ އިންތިޒާމުކުރާ ދިވެހި އެކްސްޕޯއިން ފާހަގަކުރާ ގޮތުގައި، މި ހަރަކާތުގެ ސަބަބުން ބައިނަލްއަޤްވާމީ ސަޕްލަޔަރުންނާއި ރާއްޖޭގެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއާ ދެމެދު ވަރުގަދަ ގުޅުމެއް އުފެދިގެންދާނެއެވެ.

ދިވެހި އެކްސްޕޯގެ މެނޭޖިން ޑިރެކްޓަރ އިމްރާން ހަސަން ވިދާޅުވީ، މި އެގްޒިބިޝަންގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 120 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި ބްރޭންޑްތަކުން ބައިވެރިވާ ކަމަށެވެ. އަދި 600 އަށްވުރެ ގިނަ ޝެފުންނާއެކު، ބަރިސްޓާ ޗެމްޕިއަންޝިޕް، މޮކްޓެއިލް ކޮމްޕެޓިޝަން އަދި ހައުސްކީޕިން އެންޑް ބެޑް ޑެކަރޭޝަން ޗެލެންޖު ފަދަ ޝައުގުވެރި މުބާރާތްތައްވެސް މި ތިން ދުވަހުގެ ތެރޭގައި ކުރިއަށްދާނެ ކަމަށާއި، މި ހަރަކާތަށް 1000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެފްއެޗްއޭއެމް 2026 އަކީ ރިސޯޓުތަކާއި، ހޮޓާތަކާއި، ރެސްޓޯރަންޓްތަކާއި، ގެސްޓްހައުސް އަދި ކެފޭތަކަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކާއި ވިޔަފާރީގެ ފުރުޞަތުތައް ފޯރުކޮށްދޭ "މައިސް" ޕްލެޓްފޯމެކެވެ. މިއީ ދާއިރާގެ ފަންނީ ބޭފުޅުންނާއި، ގަންނަ ފަރާތްތަކާއި، ސަޕްލަޔަރުން އަދި އިސްވެރިން އެއްތަނަކުން ބައްދަލުވާ މުހިންމު ފެއާއެކެވެ. މިއަހަރުގެ އިވެންޓް ބާއްވާ މެންހަޓަން ގްރޭންޑް ހޮޓަލަކީ ރާއްޖޭގެ "މައިސް" އިންޑަސްޓްރީއަށް އެހީތެރިވުމަށް ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކޮށްފައިވާ ބިނާއެކެވެ. މި ހަރަކާތާއެކު އެ ހޮޓާ ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ރާއްޖޭގެ އިވެންޓް އިންޑަސްޓްރީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި ހަރަކާތުގެ ތެރެއިން ކުރިއަށްދާ "އެފްއެޗްއޭއެމް ކަލިނަރީ ޗެލެންޖް" އަކީ ވޯލްޑް ޝެފްސްއިން އެންޑޯޒްކޮށްފައިވާ، ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ޤައުމީ މުބާރާތެވެ. މި މުބާރާތުގައި 60 އަށްވުރެ ގިނަ ރިސޯޓުން 600 އަށްވުރެ ގިނަ ބައިވެރިން ރާއްޖެއާއި ސަރަހައްދީ ފެންވަރުގެ ކުޅަދާނަ ޝެފުންނާ ވާދަކުރާނެއެވެ. މީގެ އިތުރުން 20 ރިސޯޓަކުން 20 ބައިވެރިންނާއެކު ބަރިސްތާ ޗެމްޕިއަންޝިޕާއި، 30 ރިސޯޓެއްގެ ޓީމުތަކާއެކު ހައުސްކީޕިންގ މުބާރާތެއްގެ އިތުރުން، 30 އަށްވުރެ ގިނަ ރިސޯޓުން 35 ބައިވެރިންނާއެކު މޮކްޓެއިލް މުބާރާތެއްވެސް ކުރިއަށްދާނެއެވެ.

މި މައުރަޒުގައި ބައިވެރިވި ފަރާތްތަކުން މީޑިއާއަށް މަޢުލޫމާތު ދެމުން ފާހަގަކުރި ގޮތުގައި، މި ފެއާގެ ސަބަބުން ވިޔަފާރީގެ އުފެއްދުންތަކާއި މަސައްކަތްތައް ޕްރޮމޯޓުކޮށް، ގިނަ ބަޔަކަށް ދައްކާލުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދެއެވެ.

އިންތިޒާމުކުރާ ފަރާތުން ދެކޭގޮތުގައި، ދާއިރާގެ ތަޖުރިބާކާރުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ކުރިއަށްދާ މި ހަރަކާތުގެ ސަބަބުން، ރާއްޖެއަކީ ފަތުރުވެރިކަމުގެ ވިޔަފާރިއާއި، ކެއްކުމުގެ ހުނަރާއި، އަދި ބޮޑެތި ކޮންފަރެންސްތައް ބާއްވާ މުހިންމު މަރުކަޒެއްގެ ގޮތުގައި އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މި އެގްޒިބިޝަނާއި މުބާރާތްތައް މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މުބާރާތްތަކުން ވަނަވަނައަށް ދާ ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add