ލިޔުއްވީ: އަލްއުސްތާޛް މުހައްމަދު ހަލީމް
އިންސާނަކީ ފިތުރީގޮތުން އެކަނިވެރިކޮށް އުޅެވޭނެ މަހުލޫގެއް ނޫނެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށާއި، ނަފުސާނީ އަދި އިޖުތިމާއީދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އިންސާނާ ވަނީ އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުމަށް ބޭނުންވެފައެވެ. މިއީ މުޖުތަމައެއް އުފެދުމުގެ އަސްލެވެ. ނަމަވެސް، ތަފާތު ހިޔާލުތަކާއި، ތަފާތު މިޒާޖުތަކުގެ މީހުން އެއް ފުރާޅެއްގެ ދަށުގައި ނުވަތަ އެއް ފަސްގަނޑެއްގައި އެކުއެކީގައި އުޅޭއިރު، އެބައިމީހުންގެ މެދުގައި ސުލްހަވެރިކަމާއި އަމާންކަން ދެމެހެއްޓޭނީ ވަރުގަދަ އަސާސެއްގެ މަތީގައެވެ. އެ އަސާސަކީ އިހްތިރާމެވެ.
އިހުތިރާމަކީ ހަމައެކަނި އަދަބުވެރި ބަސްތަކަކުން ފާޅުކުރާ ކަމެއް ނޫނެވެ. އެއީ އިންސާނާގެ ވިސްނުމާއި، އަމަލާއި، އަދި މުޅި ދިރިއުޅުމުގެ ނިޒާމު ބައްޓަންކުރާ މައިގަނޑު ތަނބެވެ. އެކަކު އަނެކަކަށް ގަދަރުކުރުމުން އުފެދޭ ހިތްހަމަޖެހުމަކީ އިންސާނީ ނަފުސަށް ލިބޭ އެންމެ ފުން އުފަލެވެ. އަދި އޭގެ ސަބަބުން މުޅި މުޖުތަމައަށް ލިބިގެންދާ ފައިދާއާއި ނަފާއަކީ ގައުމެއްގެ ކުރިއެރުމުގެ ސިއްރެވެ.
މި މުހިންމު އަސާސް ދިވެހި މުޖުތަމައުގައި އަލުން ދިރުވައި އާލާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ ހާއްސަ ގައުމީ މަޝްރޫއެއް ފަށްޓަވާފައެވެ. 'އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު' ގެ ނަމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ފެށްޓެވި މި މަސައްކަތްޕުޅަކީ ދިވެހިންގެ މެދުގައި ފޭދެމުންދާ އެކަކު އަނެކަކަށް ގަދަރުކުރުމުގެ ރީތި ސަގާފަތް އަމަލީގޮތުން ދިރުވުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. ސިޔާސީ އަދި ޒާތީ ހިޔާލުތަފާތުވުންތަކުން ދުރުވެ، މުޅި ގައުމުގެ އެންމެހާ ރައްޔިތުންގެ މެދުގައި އަހްލާގީ ރީތި ހަމަތަކާއި ބަސްމަގު ތަހުޒީބުކުރުމަކީ މި މަޝްރޫއުގެ އެއް އަމާޒެވެ. ރައީސް މުއިއްޒު ގަބޫލުކުރައްވާ ފަދައިން، ގައުމެއްގެ އުމްރާނީ ތަރައްގީއަށްވުރެ، އިންސާނާގެ ވިސްނުމާއި ފިކުރުގެ ތަރައްގީ މާ މުހިންމެވެ. އެހެންކަމުން، މި މަޝްރޫއަކީ ދިވެހި މުޖުތަމައަށް އަމާންކަމާއި ބާއްޖަވެރިކަމުގެ ފޮނި މޭވާ ހޯދޭނެ އަދިޒަމާނަށް ނުހަނު ބޭނުންތެރި ގައުމީ މަޝްރޫއެކެވެ.
އިހްތިރާމުގެ މާނައާއި އޭގެ ފަލްސަފާ
އިހްތިރާމަކީ ބަހަވީގޮތުން ބަލާއިރު ގަދަރުކުރުމާއި، މާތްކޮށް ހިތުމާއި، އަދި އަގުވަޒަންކުރުމެވެ. އިސްތިލާހުގައި އިހްތިރާމަކީ ކޮންމެ އިންސާނަކީވެސް ހާއްސަ ހައިސިއްޔަތެއް ލިބިގެންވާ، އަމިއްލަ ހިޔާލާއި ފިކުރުގެ މިނިވަންކަން ލިބިގެންވާ މީހެއްކަން ގަބޫލުކޮށް، އެމީހެއްގެ ހައްގުތަކަށް އުނިކަން ނުލިބޭނޭހެން އަމަލުތައް ބެހެއްޓުމެވެ.
އިހްތިރާމުގެ ފަލްސަފާ ބިނާވެގެންވަނީ މައިގަނޑު ތިން ބައެއްގެ މަތީގައެވެ. ފުރަތަމަ ބަޔަކީ އަމިއްލަ ނަފުސަށް އިހްތިރާމްކުރުމެވެ. މިއީ އިންސާނާ އަމިއްލަ އަގު ވަޒަންކޮށް، ނޭދެވޭ ސިފަތަކުންނާއި އަމަލުތަކުން ނަފުސު ސަލާމަތްކުރުމެވެ. އަމިއްލަ ނަފުސަށް އިހްތިރާމް ކުރަން ނޭނގޭ މީހަކަށް އެހެން މީހަކަށް އިހްތިރާމް ކުރާކަށް ނޭނގޭނެއެވެ.
ދެވަނަ ބަޔަކީ އެހެން މީހުންނަށް އިހްތިރާމްކުރުމެވެ. މިއީ ކުރިމަތީގައިވާ މީހާގެ އުމުރަށް، އިލްމަށް، މަގާމަށް ނުވަތަ އިންސާނަކަށްވީތީ އެމީހަކަށް ހައްގުވާ ގަދަރު ދިނުމެވެ.
ތިންވަނަ ބަޔަކީ ވެށީގެ ނިޒާމަށް އިހްތިރާމްކުރުމެވެ. މިއީ ދިރިއުޅޭ މާހައުލަށާއި، މުޖުތަމައުގައި ހެދިފައިވާ ގާނޫނުތަކާއި އުސޫލުތަކަށް ބޯލެނބުމެވެ.
އިހްތިރާމުގެ ފޭރާމާއި އިންސާނީ ނަފުސަށް ލިބޭ އުފާ
އިހްތިރާމް ކުރާ މީހާގެ ހިތަކީ އަބަދުވެސް ސާފު، ހަމަޖެހޭ ހިތެކެވެ. އެހެން މީހުންނަށް ދަށްކޮށް ހިތުމާއި، މަލާމާތްކުރުމާއި، ފުރައްސާރަކުރުމަކީ ހިތް ނުތަނަވަސްކޮށްދޭ ސިފަތަކެކެވެ. ނަމަވެސް، އަދަބުވެރިކަމާއެކު މުއާމަލާތްކުރާ މީހާއަށް ލިބޭ ނަފުސާނީ އުފާވެރިކަން ވަރަށް ބޮޑެވެ. އެހެން މީހުންނަށް އިހްތިރާމްކުރާ މީހާ، މީހުންގެ މެދުގައި ނޭދެވޭ ވާދަވެރިކަމެއް ނުގެންގުޅޭނެއެވެ. މީހުންގެ ކާމިޔާބީތަކަށް މަރުހަބާ ކިޔާނެއެވެ. މީގެ ސަބަބުން ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ސަބަބުން ނަފުސަށް ލިބޭ ބުރަކަމުން ސަލާމަތްވެ، ހިތަށް ފުން ފިނިކަމެއް ހޯދައެވެ.
މީގެ އިތުރުން، އެހެން މީހުންނަށް އިހްތިރާމްކޮށްފި ނަމަ، އެމީހެއްގެ ހިތުގައި ތިމާއަށްޓަކައި ހާއްސަ ލޯތްބަކާއި ގަދަރެއް އުފެދެއެވެ. ދިވެހި މުސްކުޅި ހެޔޮބަހެއްގައި އޮންނަ ފަދައިން، ގަދަރު ދިނިއްޔާ ގަދަރު ލިބޭނެއެވެ. އިހްތިރާމު ކޮށްފިއްޔާ އިހްތިރާމު ލިބޭނެއެވެ. މިގޮތުން ލިބޭ އިހްތިރާމަކީ އިންސާނާގެ އަމިއްލަ ނަފުސުގެ އިތުބާރު ވަރުގަދަކޮށްދީ، މުޖުތަމައުގައި ބޮޑު ހަމަޖެހުމެއް ގާއިމުކޮށްދޭ މުހިންމު އަސާސެކެވެ.
އިހްތިރާމު ކުރުމުގެ އިޖުތިމާއީ ފައިދާތައް
މުޖުތަމައެއްގެ ދުޅަހެޔޮކަން ބިނާވެގެންވަނީ އެ މުޖުތަމައެއްގެ މީހުންގެ މެދުގައި އޮންނަ ގުޅުމުގެ މައްޗަށެވެ. އިހްތިރާމަކީ މުޖުތަމައުގެ ހުރިހާ ގުނަވަންތަކެއް އެއްކޮށް ގުޅުވައިދޭ ފާލަމެވެ. އެ ނެތިއްޖެނަމަ، މުޅި ނިޒާމު ބުރޫއަރައި، ހަލާކުވެގެންދެއެވެ. އިހްތިރާމް އޮންނަ މުޖުތަމައެއްގައި އަބަދުވެސް އޮންނާނީ އަމާންކަމާއި ސުލްހަވެރިކަމެވެ. މީހުންގެ މެދުގައި އެއްބައިވަންތަކަމާއި އެހީތެރިކަން އިތުރުވެ، ގައުމީ ކުރިއެރުމާއި،ތަރައްގީއަށް މަގުފަހިވެ، ދޮރު ހުޅުވިގެން ދެއެވެ. ނަމަވެސް އިހްތިރާމުގެ ރީތި ސިފަ ފަނޑުވެގެން ހިނގައްޖެނަމަ، މުޖުތަމައުން ފެންނާނީ ރުޅިވެރިކަމާއި، ކުށްކުށަށް އަރައިގަތުމާއި، ވަކިވަކިވެ، ބައިބައިވުމުގެ ހަޑިމުޑުދާރު ސްލޭކެވެ.
ޑިމޮކްރެޓިކް އަދި ޒަމާނީ މުޖުތަމައެއްގައި ހިޔާލުތަފާތުވުމަކީ ފިތުރީ ކަމެކެވެ. ކޮންމެ މީހަކު އެއްގޮތަކަށް ވިސްނާކަށް ނުޖެހެއެވެ. ނަމަވެސް، މުހިންމީ ހިޔާލު ތަފާތުވާއިރުވެސް އަނެކާގެ ޝަހްސިއްޔަތަށް އިހްތިރާމްކުރުމެވެ. ބަހުގެ ހަމަލާތަކުންނާއި، ޒާތީގޮތުން ދިމާކުރުމުގެ ބަދަލުގައި، އިލްމީ އަދި އަދަބުވެރި ބަހުސްތަކަށް ޖާގަދިނުމުން މުޖުތަމައަށް ލިބޭނީ ނަފާވެރިކަމެވެ.
ކާމިޔާބު މުޖުތަމައެއްގައި ޅަފަތުގެ ޖީލާއި އިސްރަށްވެހިންގެ މެދުގައި ވަރުގަދަ ގުޅުމެއް އޮންނަންޖެހެއެވެ. ކުޑަކުދިންނަށް އޯގާތެރިވުމާއި، ބޮޑެތި މީހުންނަށް ގަދަރުކުރުމަކީ ދިވެހިންގެ ޒަމާންވީ ރީތި ސަގާފަތެކެވެ. ބޮޑެތި މީހުންގެ ތަޖުރިބާއިން ޒުވާނުން ފިލާވަޅު ލިބިގަންނައިރު، ޒުވާނުންގެ އާ ހިޔާލުތަކަށް ބޮޑެތި މީހުން އިހްތިރާމްކުރުމުން ޖީލުތަކުގެ މެދުގައި ލެވިފައިވާ ދަގަޑު ފާރު ފުނޑުފުނޑުކޮށްލައެވެ.
އިލްމީ އަދި އިސްލާމީ ނަޒަރަކުން އިހްތިރާމު
އިސްލާމްދީނަކީ އަހްލާގިއްޔަތުގެ ދީނެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. 'ތިމަންކަލޭގެފާނު ފޮނުއްވުނީމާތް އަހްލާގީ ސިފަތައް ފުރިހަމަކުރެއްވުމަށްޓަކައެވެ.' މީހުންނަށް އިހްތިރާމްކުރުމަކީ އީމާންކަމުގެ ބައެކެވެ. މީސްތަކުންގެ މެދުގައި ވާހަކަދައްކާއިރު ރީތި ބަހުން ވާހަކަދެއްކުމަށް ކީރިތި ޤުރްއާނުގައި ވަނީ އަމުރުކުރައްވާފައެވެ. މީހުންނަށް މަލާމާތްކުރުމާއި، ގީބަބުނުމާއި، ނެތިމޮށުން ވަނީ ހަރާމްކުރައްވާފައެވެ. މިއީ މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ދީނީ ބިންގަލެކެވެ.
އިޖުތިމާއީ ސައިންސްވެރިން ހާމަކުރާގޮތުގައި، އިހްތިރާމު ކުޑަ މުޖުތަމައުތަކުގައި ކުށްކުރުމުގެ ނިސްބަތް މަތިވެއެވެ. ސަބަބަކީ މީހުންގެ ހިތްތަކުގައި ގާނޫނަށާއި އަނެކާގެ މުދަލާއި ފުރާނައަށް އޮންނަންޖެހޭ ހުރުމަތް ކެނޑިގެންދާތީއެވެ. ވުމާއެކު، އިހްތިރާމަކީ ގައުމީ ސަލާމަތާވެސް ގުޅިފައިވާ ކަމެކެވެ.
މުޖުތަމައުގައި އިހްތިރާމު އާލާކުރެވިދާނޭ ބައެއް ގޮތްތައް
އިހްތިރާމު ލިބިގެންވާ ބާއްޖަވެރި މުޖުތަމައެއް ބިނާކުރުމަކީ ވަކި މީހެއްގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ އެންމެންގެ ގުޅިފައިވާ މަސައްކަތެކެވެ. އެންމެ ފުރަތަމަ ކަމަކީ އާއިލާގެ ދައުރެވެ. ކޮންމެ ކުއްޖެއްގެވެސް ފުރަތަމަ މަދަރުސާއަކީ ގެއެވެ. މައިންބަފައިން އެކަކު އަނެކަކަށް އަދި ކުދިންނަށް އިހްތިރާމުކުރާ މާހައުލެއްގައި ބޮޑެތިވާ ކުދިން މުޖުތަމައަށް ނުކުންނާނީ އަދަބުވެރި ބައެއްގެ ގޮތުގައެވެ.
ދެވަނަ ކަމަކީ ތައުލީމީ ނިޒާމެވެ. މަދަރުސާތަކުން ހަމައެކަނި ފޮތުގެ އިލްމު ދިނުމުގެ ބަދަލުގައި، އަހްލާގީ ސިފަތަކަށާއި، އެހެން މީހުންގެ އަގުވަޒަންކުރުމުގެ ހުނަރުތަކަށް ދަރިވަރުން ކިބައިގައި އަށަގަންނަވަން ޖެހެއެވެ.
ތިންވަނަ ކަމަކީ މީޑިއާއާއި ސޯޝަލް މީޑިއާގެ ދައުރެވެ. މިއަދުގެ ދުނިޔޭގައި އެންމެ ބޮޑަށް އިހްތިރާމު ކުޑަވަމުންދަނީ ސޯޝަލް މީޑިއާގައެވެ. ފޭކު އެކައުންޓުތަކުން މީހުންގެ އަބުރާ ބެހުމަކީ ހުއްޓުވަންޖެހޭ ކަމެކެވެ. އޮންލައިން މާހައުލަކީވެސް އިހްތިރާމުގެ މައިދާނަކަށް ހަދަންޖެހެއެވެ.
ނިންމުން
އިހްތިރާމަކީ، ހިތްތަކަށް އުޖާލާކަމާއި، ދިރުން ގެނެސްދޭ އަދި ދިރިއުޅުން ބާއްޖަވެރިކޮށްދޭ ނޫރެކެވެ. އަދި އެ ނޫރުގެ ސަބަބުން މުޅި ގައުމަށް ލިބިގެންދާ އަލިކަމާއި ކުރިއެރުމެކެވެ. އަހަރުމެންގެ ދިވެހި މުޖުތަމައަކީ ކުޑަ، އެއްބަނޑުއެއްބަފާ ބައެއް އުޅޭ ތަނެކެވެ. މިފަދަ މުޖުތަމައެއްގައި އެކަކު އަނެކަކަށް ހިނިތުންވުމާއެކު މަރުހަބާ ކިޔުމާއި، ބަސްމަގު ރީތިކުރުމާއި، ހައްގުތަކަށް ހުރުމަތްތެރިވުން އިސްކޮށްފި ނަމަ، ދިވެހިރާއްޖެ ވާނީ ދުނިޔެމަތީގެ ސުވަރުގެއަކަށެވެ. އެހެންކަމުން، އަމިއްލަ ނަފުސުން ފަށައިގެން، މުޅި މުޖުތަމައަށް އިހްތިރާމުގެ މާތް ސިފަ ފަތުރަމާ ހިނގާށެވެ. އޭރުން ލިބޭނެ އުފަލާއި، ހިތްހަމަޖެހުމާއި، ފައިދާ މާ ބޮޑެވެ.




