ހއ. މޮޅަދޫގައި ތަރައްޤީކުރަމުން އަންނަ އައުޓްޑޯ ވޮލީ ކޯޓު މަސައްކަތްތައް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާޏްސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެކުންފުނިން ބުނީ ހއ. މޮޅަދޫގައި ތަރައްޤީކުރަމުން އަންނަ އައުޓްޑޯ ވޮލީ ކޯޓު އެޅުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރަމުންއަންނަނީ އިލެކްޓްރިކަލް ވަޔަރިން އެޅުމުގެ މަސައްކަތްތައް ކަމަށެވެ.
ރާއްޖޭގެ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށް، ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ، ރާއްޖޭގެ 18 ރަށެއްގައި ކުޅިވަރުގެ އުމްރާނީ ތަރައްޤީގެ 20 މަޝްރޫޢެއް ހިންގުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ މަސައްކަތެކެވެ.
މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން މޮޅަދޫގައި ފުޓްސަލް ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން މޮޅަދޫ ވޮލީ ކޯޓުގެ ވަށާފާރު ނުވަތަ ފެންސްގައި ކުލަލުމުގެ މަސައްކަތްތައް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އަދި މިހާރު ސައިޓުގައި ބާރަށް ކުރިއަށްދަނީ ކޯޓަށް ބޭނުންވާ އިލެކްޓްރިކަލް ވަޔަރިންގ އެޅުމާއި، އެއާ ގުޅުންހުރި އެހެނިހެން އިންސްޓޯލޭޝަން މަސައްކަތްތައް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.




