ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން ޕާސަނަލް އެކައުންޓުތަކާއި ލޯނުތައް ޝަރުއީ ހަމަތަކާ އެއްގޮތް ފަސޭހައިން ބަދަލުކުރެވޭ ގޮތް އެ ބޭންކުން ހަމަޖައްސައިފިއެވެ.
އެ ބޭންކުން ބުނީ އެ ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން ޕާސަނަލް އެކައުންޓުތަކާއި ލޯނުތައް ޝަރުއީ ހަމަތަކާ އެއްގޮތް ފަސޭހައިން ބަދަލުކުރެވޭ ގޮތް ހަމަޖައްސާފައިވާ ކަމަށާއި، އަދި މިއަދުން ފެށިގެން ހުޅުވާ ޕާސަނަލް އެކައުންޓްތަކާއި ޕާސަނަލް ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވަނީވެސް އިސްލާމިކް ބޭންކިން އުސޫލުން ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރު އެ ބޭންކުގައި އިސްލާމިކް ބޭންކިން ހިދުމަތް ތައާރަފުކުރި ފަހުން އެ ބޭންކުގެ އިސްލާމިކް ބޭންކިން ޚިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
އަދި އަލަށް މި ގެނެވުނު ބަދަލަކީ ރާއްޖޭގެ ބޭންކިންގ ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވާނެ ކަމަށާއި، އެ ބޭންކުގެ މަގްސަދަކީ ކަސްޓަމަރުންނަށް ޝަރުއީ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ހިދުމަތްތައް ފޯރުކޮށްދިނުންކަމަށްވެސް ސީއީއޯ ޝަރީފް ވިދާޅުވި އެވެ.
އެ ބޭންކުގެ އިސްލާމިކް ބޭންކިންގ ޚިދުމަތް ދެމުން އަންނަނީ ޝާރީޢާއާ އެއްގޮތްވާ ގޮތުގެ މަތީން އެ ބޭންކުގެ އިސްލާމިކް ބޭންކިން ފަންޑު މުޅީން ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގުވާމީގޮތުން ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ ބޭންކުން ބުނެއެވެ.




