ސިޔާސީ ހަލަބޮލިކަމަށް ނިމުން ގެނެސް ރާއްޖޭގައި ސިޔާސީ ގޮތުން ހަމަޖެހުން ޤާއިމުކޮށްދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލިސް ހުޅުވައިދެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގައި ކުރިން އޮތް ސިޔާސީ ހަލަބޮލިކަން ނައްތާލައި ސިޔާސީގޮތުން ރާއްޖެއަށް ހަމަޖެހުން މިހާރު ގެނެސްދެވިއްޖެ ކަމަށެވެ.
އެގޮތުން ސިޔާސީ މަސައްކަތްކުރައްވާ އެއްވެސް ފަރާތަކަށް ނުވަތަ ސިޔާސީ ލީޑަރަކަށް ސިޔާސީ މަސައްކަތް ކުރެއްވުމަށް އެއްވެސް ހުރަހެއް މިހާރު ނޯންނާނެ ކަމަށާއި، އެމަނިކުފާނުގެ ސިޔާސަތަކީ ވަށާޖެހޭ ހަޤީޤީ ހަމަޖެހުން ގެނެސް ދިނުން ކަމަށްވެސް ވިދާޅުވި އެވެ.
"ތިން އަހަރުވާން މި ދަނީ އެއްވެސް ސިޔާސީ ލީޑަރެއް ޖަލަކަށް ސިޔާސީ ގޮތުން ބަދަލު ހިފުމުގެ އެއްވެސް ކަމެއް ނުކުރަން. މިހާރު އެއްވެސް ސިޔާސީ ލީޑަރަކަށް ނޯންނާނެ ބިރުވެރިކަމެއް އެ ބޭފުޅަކު ބޭނުންވާ ސިޔާސީ މަސައްކަތެއް ކުރުމުގައެއް." ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހީންނަކީ މުސްލިމުންނަށް ވީތީ ވާހަކަ ދެއްކުމުގައްޔާއި، ސިޔާސީ މަސައްކަތް ކުރުމުގައިވެސް އަދި ލިޔެ ޝާޢިއުކުރުމުގައިވެސް މުސްލިމަކަށްވީތީ ހިފަހައްޓަން ޖެހޭ މިންގަނޑުތަކެއް އޮންނާނެ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެ މިންގަނޑުގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް އެއްވެސް ހުރަހެއް މިއަދު ނޯންނާނެ ކަމަށެވެ.




