ތ. ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ މަޝްރޫޢު އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ވަނީ ހިރިލަންދޫގައި ގާއިމްކުރާ 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްްފައެވެ.
ހިރިލަންދޫ ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަޤް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
އެސްޖޭ ކޮންސްޓްރަކްޝަން އާއި ޙަވާލުކުރި މި މަޝްރޫއުގައި ހިމެނެނީ 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރަކާއި، 0 ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމެއްގެ އިތުރުން މަސް ޕްރޮސެސްކުރާނެ ޚާއްޞަ ސަރަޙައްދެއް ގާއިމްކުރުންވެސް ހިމެނެއެވެ.
އަދި މީގެ އިތުރުން ކޮމްޕްރެސަރ ރޫމްއަކާއި ކަރަންޓު ވިއުގައާއި ބެކަޕް ޖަނަރޭޓަރާއި، އަލިފާނުން ރައްކާތެރިވުމުގެ ނިޒާމާއި، އީއެލް.ވީ ނިޒާމުތައް އެޅުމާއެކު، އިމާރާތުގެ ބޭރުގެ އެންމެހައި މަސައްކަތްތައްކޮށް ސައިޓް އެއްކޮށް ތަރައްޤީކޮށް ނިންމުންވެސް ހިމެނެއެވެ.
ތ. ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ މަޝްރޫޢު އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި. pic.twitter.com/c2nb8X6uAT
— Min of Fisheries, Agriculture and Ocean Resources (@MFAORmv) September 22, 2026
ފިޝަރީޒް މިނިސްޓްރީން ބުނީ ހިރިލަންދޫ އަކީ މިހާރުވެސް ދުވާލެއްގެ މައްޗަށް 30 ޓަނުގެ މަސް ގަނެ، މަހުގެ އެކި އުފެއްދުންތައް ތައްޔާރު ކުރަމުންދާ ރަށެއް ކަމަށާއި، އެހެންކަމުން އެ ރަށުގައި މަސް ތާޒާކަންމަތީ ރައްކާކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެެވެ.
މީގެ އިތުރުން ހިރިލަންދޫގައި މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޠާ ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުއްވެސް މެއެވެ.




