އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް: ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، އެކްސް އެކައުންޓްގައި ޙިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް ކަމަށާއި، އެގޮތުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުވާނޭ މަގު ކޮށައިދިނުމުގެ މަސައްކަތް، މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ މުހިންމު ޢަޒުމެއް ކަމަށެވެ.
އަދި ކަނޑައެޅޭ ވަކި ބާވަތްތަކެއްގެ ކާބޯތަކެތި އިމްޕޯޓްކުރުމާ ނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި، ބާޒާރަށް ނެރެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަންވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ
ދަނޑުވެރިކަމުގެ ޞިނާޢަތު ފުޅާވެގެން ދިއުމަކީ، ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓުމަށާއި، ރަށްރަށުގައި ވަޒީފާގެ އައު ފުރުޞަތުތައް އުފެދުމަށް، މަގުފަހިވެގެންދާނެ ކަމެއްކަން ފާހަގަކުރައްވަމުން، ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ދަނޑުވެރިންނަށާއި، ދަނޑުވެރިންގެ ޢާއިލާތަކަށް ތަހުނިޔާއާއި ހެޔޮއެދުން، އެމަނިކުފާނު އަރިސްކުރައްވާފައި ވެއެވެ.




