ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ސިވިލް އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވައިފިއެވެ.
މޯލްޑިވްސް ވިމެން އިން ޕޮލިސިންގ އިން އިންތިޒާމުކޮށްގެން އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ފޯރަމަކީ، ސިވިލް މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ރޫހާއި، މުއައްސަސާއަށް އޮންނަ ލޯތްބާއި، ފަންނީ ހުނަރުވެރިކަން ކުރިއެރުވުމަށް ބާރުއަޅުމަށްޓަކައި ބޭއްވި ފޯރަމެއް ކަމަށް ފުކލުހުން ބުނެއެވެ.
އަދި މިފުލުހުންގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ސިވިލް މުވައްޒަފުންގެ ހުނަރުގެ ބޭނުންތެރިކަން ހާމަކޮށްދީ، ފަންނީ ކުރިއެރުމަށް ހުރި ފުރުސަތުތައް ފުޅާކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ ހުރަސްތަކާއި، މަސައްކަތު މާހައުލު އިތުރަށް ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ފޯރަމްގައި ގެސްޓް ލެކްޗަރަރ އެއްގެ ގޮތުގައި، ހޯޕް ފޯ ވިމެންގެ ވައިސް ޗެއަރ ޕާސަން ޢާއިޝަތު ޙުސައިން ޝިހާބު “މަސައްކަތު މާހައުލުގައި ކުރިމަތިވާ ނަފުސާނީ ބުރަ” މައުލޫގެ ދަށުން އަގުހުރި މައުލޫމާތުތަކެއް ދެއްވިއެވެ.
އަދި މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް “ދުޅަހެޔޮ މަސައްކަތު މާހައުލަކަށް ބޭނުންވާ ސުލޫކުތައް” މައުލޫގެ ދަށުން، ވިމެން އިން ޕޮލިސިންގ ކޮމެޓީގެ ރައީސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ޙަސަން މައުލޫމާތު ދެއްވިއެވެ.




