"ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިން"ގެ ދެވަނަ ފިޔަވަހި އިފުތިތާހުކޮށް ފައިނޭންސް ހޯދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޒުވާން ވިޔަފާރިވެރިންނަށް ވިޔަފާރި ފެށުމަށާއި ކުރިއެރުވުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިން" ޕްރޮގްރާމަކީ ވިޔަފާރީގެ ދާއިރާއިން ޒުވާނުން ގެންގުޅޭ ބިނާކުރަނަވި ހިޔާލުތައް ހަގީގަތަކަށް ހެދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ފައިނޭންސިން ސްކީމެކެެވެ.
އެގޮތުން މި ސްކީމުގެ ދަށުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އެފަރާތްތަކުގެ ވިޔާފާރި ޕްރޮޕޯސަލކްތަކަށް އިކުއިޓީއަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ހަމަޖައްސައިދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުނެއެވެ.
މީގެ އިތުރުން 7 އިންސައްތަ އިންޓަރެސްޓާއެކު ލޯނު އަނބުރާ ދައްކަން ފަށަންޖެހޭނީ ލޯނު ދޫކުރާ ތާރީހުން ފެށިގެން 1 އަހަރު ދުވަސް ފަހުން ކަމަށްވެސް އެސްއެމްއީ ޑިޖިޓަލް އިން ބުނެއެވެ.
އަދި މި ސްކީމުގެ ދަށުން ލޯނު ދޫކުރުމުގެ އިތުރުން ވިޔަފާރީގެ ހިސާބުތައް ބެލެހެއްޓުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށާއި، ވިޔަފާރިުކުރުމާގުޅޭ ހާއްސަ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ހާއްސަކޮށް އޮންލައިން ޕްރޮގުރާމެއް ހިންގުމަށް ތައްޔާރުވެފައިވާކަމަށްވެސް އެ ބޭންކުން ބުނެއެވެ.
މި ސްކީމަށް އެޕްލިކޭޝަން ހުޅުވާލާފައިވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ. އެ ބޭންކުން ބުނީ މި ސްކީމުގެ 2 ވަނަ ބުރަށް ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އަދި އެސްއެމްއީ ޑިޖިޓަލް އިން ބުނީ މި ސްކީމުގެ ފުރަތަމަ ފިޔަވަހި ނިންމައިލިއިރު 3،000 އެއްހައި ޒުވާނުންނަށް 300 މިލިއަން ރުފިޔާގެ ފައިނޭންސިންގ ފޯރުކޮށްދީފައިވާ ކަމަށެވެ.




