ޔޫއޭއީގެ އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.
ރޭ އެ ޕާޓީގެ ގައުމީ މަޖިލކިސް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނުކުފާނު ފުރިހަމައަށް އެ ޕްރޮޖެކްޓަށް ތާއީދުކުރައްވާ ކަމަށެވެ.
އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން، ހަމަ ފުރިހަމައަށް،" ނަޝީދު ވިދާޅުވި އެވެ.
އަދި އެ ޖަލްސާގައި ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ދައްކަވަމުންގެންދެވި ބައެއް ވަހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަޖިލީހުގަ ތިއްބެވި ހުރިހާ ބޭފުޅުންނަކީވެސް ބޭރުގެ އެކި ގައުމުތަކުން ރާއްޖެ އައިސް ވަޒަންވެރިވީ މީހުންގެ ދަރިން ކަމަށާއި، މިއަދުގެ ހުރިހާ ދިވެހިންނަކީވެސް އެގޮތުން ރާއްޖޭގައި އާބާދުވި ދަރިފަސްކޮޅެއް ކަމަށެވެ.
މީގެ އިތުރުން އެ ޕްރޮޖެކްޓް އޮތްގޮތުން ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރި ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށްވެސް ރައީސް ނަޝީދު ވަނީ ރައްދުދެއްވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދަޅުވީ މުސްތަގުބަލުގައި ވާނެ ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށާއި އެހެންކަމުން ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ޕާޓީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ އަކީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރަކާ ގުޅިގެން ބޭއްވި ކުއްލި ޖަލްސާއެކެވެ، އެ ގަރާރުގައި 9 ކަމަކަށް ސަރުކާރަށް ގޮވާލަން ހުށަހަޅާފައިވެ އެވެ.
އޭގެ ތެރޭގައި ރަސްމާލެ މަޝްރޫއުއާ ގުޅޭ ކޮމާޝަލް ޓާމްސް އެއްބަސްވުން އާންމުކުރުމަށާއި އެ މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.
އެ ގަރާރަށް ބަހުސްކުރުމަށްފަހު ގައުމީ މަޖިލީހުގެ ރޭގެ ކުއްލި ޖަލްސާއިން ވަނީ އެ ގަރާރު ފާސްކޮށްފައެވެ. އެގޮތުން އެކަންކަން މި މަހުގެ 15 އިގެ ކުރިން ނުކޮށްފިނަމަ އެ ޕާޓީން ވަނީ ސީދާ ހަރަކާތަށް ނިންކުތުމަށްވެސް ފާސްކޮށްފައެވެ.




