ކަރަންސީ ސުވޮޕާއެކު، މިއަހަރު އެކަނިވެސް 1.45 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި މިސަރުކާރުން ދައްކާފައިވާ ކަމަށާއި، އަދި މިދިޔަ 3 އަހަރު ދެއްކި ދަރަނީގެ ޢަދަދު، ވޭތުވެދިޔަ 10 އަހަރު ދެއްކި ޢަދަދަށްވުރެ 483 މިލިއަން ޑޮލަރު އިތުރު ޢަދަދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ވެރިކަން ހިންގުމުގައި ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު، ޑެޓް-ޓު-ޖީ.ޑީ.ޕީ، ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 123.7 އިންސައްތައިގައި ކަމަށާއި ކުރިން ނުދައްކާހުރި ބިލުތަކަށް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 25.13 ބިލިއަން ރުފިޔާގެ ދައްކާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއާއެކު 2028 ވަނަ އަހަރު ނިމިގެންދާއިރު ރާއްޖޭގެ ބަޖެޓު، 2023 ގައި މި ސަރުކާރު ޙަވާލުވިއިރު ހުރިވަރަށްވުރެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ދަށްކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި 2029 ވަނަ އަހަރަށް 112.9 އިންސައްތަ އަށް، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ކުޑަކުރެވޭނެ ކަމަށް އަންދާޒާކުރެއްވޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ކޮވިޑްގެ ކުރީގައި ހުރި މިންވަރަށްވުރެވެސް ރަނގަޅު މިންވަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިރޭގެ މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތެވެ. އަދި މިހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲއާއި ދަޢުލަތުގެ ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުރަތަމަ ފަހަރަށް ރިޒާވް 1.3 ބިލިއަން ޑޮލަރާއި ހަމައަށް ގެންދެވުނު ކަމަށާއި އިރާދަކުރެއްވިއްޔާ އަންނަ އަހަރަކީ އަނެއްކާވެސް ރިޒާވް މަތިވެގެންދާނެ އަހަރެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިންގވެސް އިރާދަކުރެއްވިއްޔާ މަތިވެ، ބައިނަލްއަގުވާމީ ފަރާތްތަކަށްވެސް މިހާރު އެކަން ފާހަގަކުރެވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދަރަނި ދެއްކުމާއި ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނަވާ ހަރުދަނާ ބަދަލުތަކާއެކު މޫޑީޒް އަދި ފިޗް ރޭޓިންގައި ދިވެހިރާއްޖެއިން ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދާފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިގުތިސާދު ފުޅާ ކުރުމަށްޓަކައި ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެއްވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ތަރައްޤީކޮށް ނިންމައި ހުޅުވުމެވެ. އެގޮތުން މިސަރުކާރު ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު، ދެބައިކުޅަ އެއްބައި މަސައްކަތް ނިމިފައިހުރި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލްގެ މަސައްކަތުގެ އިތުރުން ހަނިމާދޫ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ނިންމައި ހުޅުވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރު ކުރެވޭ އެންމެ މުހިންމު މިފަދަ މަޝްރޫޢަކީ ތިލަފުއްޓަށް ޕޯޓު ބަދަލުކުރުމުގެ މަސައްކަތް ކަމުގައި ވިދާޅުވިއެވެ. އެގޮތުން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުވަނީ މިހާރަށްވުރެ 6 ގުނަ ބޮޑު ސަރަޙައްދަކަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި ބަދަލުގެ ސަބަބުން ރާއްޖޭގެ ވިޔަފާރި، ވަރަށް ބޮޑުތަނުން ކުރިއަރައިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތުގެ ސަބަބުން އެ ސިނާޢަތަށް ކުރިމަތިވި ބޮޑު ލޮޅުން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވި މި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރެއްވިއެވެ.




