ބަސްބުނެ ޢަމަލުކުރަންޖެހުނު ކޮންމެ ވަގުތެއްގައި ފަސްޖެހުމެއްނެތި ޢަދާލަތު ޕާޓީ ބަދަހި ކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަދާލަތު ޕާޓީގެ މެންބަރުންނަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހާއި ޢިލްމުވެރީންގެ މަޖިލީހުގެ މެންބަރު ޑރ. މުޙައްމަދު އިޔާޒް އަބްދުލްލަތީފް ދެއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްގައި ޑރ އިޔާޒް ވިދާޅުވީ އަދާލަތު ޕާޓީން އެހާރާއި މިހާރުގެ ނިންމުންތައް ވެސް ނިންމަނީ މަޝްވަރާގެ ރިވެތި އުސޫލުން މެންބަރުންގެ ޚިޔާލާއި މަޖިލިސްތަކުގެ އަޣްލަބިއްޔަތުން ކަމަށެވެ.
އަދި ކޮންމެ ކަމަކީ އެންމެން އެއްބްސްވާ ކަމަކަށް ނުވެދާނެ ކަމަށާއި، އެހެންކަމުން އަޣްލަބިއްޔަތުން ކަމެއް ނިންމުމުން އެކަމަކަށް އިޙްތިރާމް ކުރަން ވާނެ ކަމަށެވެ.
މީގެ އިތުރުން ދީނާއި ޤައުމުގެ ޙައްޤުގައި ބަސްބުނެ ޢަމަލުކުރަންޖެހުނު ކޮންމެ ވަގުތެއްގައި ފަސްޖެހުމެއްނެތި ޢަދާލަތު ޕާޓީ ބަދަހި ކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް ޑރ އިޔާޒް ގެ ޕޯސްޓްގައި އެ ޕާޓީގެ މެންބަރުންނަށް އަރުވާ ކަމަށް ވިދާޅުވެފައި ވެއެވެ.
ދަންނަވަމެވެ. @AdhaalathOffice އެހާރާއި މިހާރުގެ ނިންމުންތައް ވެސް ނިންމަނީ މަޝްވަރާގެ ރިވެތި އުސޫލުން މެންބަރުންގެ ޚިޔާލާއި މަޖިލިސްތަކުގެ އަޣްލަބިއްޔަތުންނެވެ. ކޮންމެ ކަމަކީ، އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެއެވެ. އެހެންކަމުން އަޣްލަބިއްޔަތުން ކަމެއް ނިންމުމުން އެކަމަކަށް އިޙްތިރާމް ކުރަން ވާނެއެވެ.
ދީނާއި ޤައުމުގެ ޙައްޤުގައި ބަސްބުނެ ޢަމަލުކުރަންޖެހުނު ކޮންމެ ވަގުތެއްގައި ފަސްޖެހުމެއްނެތި ޢަދާލަތު ޕާޓީ ބަދަހި ކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ޕާޓީގެ ލޮބުވެތި މެންބަރުންނަށް އަރުވަމެވެ.
ކުރިއަށްއޮތްތަނުގައި ވެސް މި އުސޫލުމަތީގައި ދެމިތިބުމުގެ ހެޔޮ ތައުފީގު މާތް ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި. އާމީން!— Dr.Mohamed Iyaz (@dr_iyaz) November 19, 2026
ޑރ އިޔާޒް މިހެން ވިދާޅުވެފައި މިވަނީ ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް 2 އަހަރާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު އިއްތިޙާދުވުމަށް އެ ޕާޓީން ނިންމުމާ ގުޅިގެން އެ ޕާޓީގެ ބައެއް މެންބަރުން އެ ނިންމުމާ ދެކޮޅަށް ވާހަކަދައްކަވަމުންގެންދަވާ ދަނޑިވަޅެއްގައި ކަން ފާހަކަ ކުރެވެއެވެ.




