އިރުވަރު ނޫހުގެ މިފަހަރުގެ ޕްރޮފައިލް މިކުރަނީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެންމެ ފުރަތަމަ ސިފައިންގެ ޚިދުމަތުގައެވެ. ދެން ފުލުހެކެވެ. އެއަށް ފަހު ފުލުހުންގެ ވެރިއެކެވެ. ވިޔަފާރިވެރިއެކެވެ. އާއިލީ ގުޅުމުގެ ނަމޫނާއެކެވެ. ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒަކީ ކަންކަން ކާމިޔާބު ކުރެއްވުމުގައި ދޫނުދެއްވައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެއީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ހިނގާ ނަމެކެވެ. މިފަހަރު މި ގެނެސްދެނީ ޢަބްދުﷲ ރިޔާޒު އިރުވަރު ނޫހަށް ދެއްވާފައިވާ ޚާއްސަ އިންޓަވިއުއެކެވެ. ފޮޓޯތަކާއެކު ވަރަށް ގިނަ ވާހަކަތައް މި އިންޓަވިއުއިން ތިލަވެގެންދާނެއެވެ.

އިރުވަރު: ސިފައިންގެ ޚިދުމަތްތަކުގެ ހަނދާންތައް ކުރުކޮށް ވިދާޅުވެ ދެއްވަ ބައްލަވާ؟
ރިޔާޒު: 1989 މެއި 22 ވަނަ ދުވަހު އަޅުގަނޑު ސިފައިންގެއަށް ވަނީ. މިހާރުވެސް ވަރަށް ހަނދާން ހުންނަ ދުވަހެއް އެއީ. އޭރު 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާ ސިފައިން ރާއްޖެ އައިސް އުޅެމުން ދިޔައީ. އެދުވަސްވަރު އަޅުގަނޑުމެން ވެއްދީ މަޖުބޫރު ކޮށްގެން އަސްކަރިއްޔާއަށް. އޭރު ސްކޫލް ނިންމި ހުރިހާ އެންމެން ކަހަލަ ގޮތަކަށް ސިފައިންގެއަށް ވެއްދީ. އެންމެ ފުރަތަމަ ރެކްރޫޓޭއްގެ ގޮތުގައި މަސައްކަތްކޮށްފަ ތަމްރީން ހަދައިގެން ހުޅުލޭގައި ފޯރި މެރުމުގެ މަސައްކަތް ކުރީ. އެ ހަނދާންތައް އެބަހުރި. ދެން ފުލުހުންގެ މުވައްސަސާ އުފެދުނީމަ ފުލުހުންގެ ޚިދުމަތާ އަޅުގަނޑު ގުޅުނީ.

ފުލުހުންގެ ޚިދުމަތް ވަކިވެ ވަކި މުވައްސަސާއަކަށް ވެގެން ދިޔައިރު ކަންހިނގާ ދިޔައީ ކިހިނެއްތޯ؟
ސިފައިންނާ ފުލުހުން ވަކިކުރުމަކީ ރައީސް މަޢުމޫނުގެ ނިންމެވުމެއް. އެމަނިކުފާނުގެ ރިފޯމް އެޖެންޑާގެ ތެރެއިން އޮތް އެއް ކަންތައް އެއީ. ސިފައިންނާ ފުލުހުން ވަކިވިއިރު ފުލުހުންގެ ތެރޭގައި ވަރަށް މީހުން މަދު. އަދި ޚާއްޞަކޮށް ތަޖުރިބާ ލިބިފައިވާ މީހުން ވަރަށް މަދު. ވަރަށް ބޮޑެތި ޗެލެންޖްތަކެއް އައި. ސިފައިންގެ ތެރެއިން ބައެއް ބޭފުޅުން އެހާ ގަބޫލުކަމެއްވެސް ނޫން ފުލުހުންގެ މުވައްސަސާ ހެދުމަކީ. އުނދަގޫ ކަންތައްތަކެއް ދިމާވި. ދެން އާދަމް ޒާހިރުގެ ބެއްލެވުމުގެ ދަށުން ފުލުހުންގެ މުވައްސަސާ ކުރިއަށް ގެންދިޔައީ. ދެން މެނޭޖްމަންޓް ކޮމެޓީއެއް ނަގައިގެން ވަރަށް ވަރުގަދައަށް މަސައްކަތް ކޮށްގެން ކާމިޔާބުވީ.

ކަމިޝަނާ އޮފް ޕޮލިސްއަކަށް ހުންނެވީ ރާއްޖެ ވަރަށް ހަލަބޮލި ވަގުތަކު؟ އެ ދުވަސްތައް މެނޭޖްކުރެއްވީ ކިހިނެއްތޯ؟

އެއީ ފުލުހުންގެ އެގްޒެކެޓިވް ޓީމާ ހުރިހާ ފުލުހުންގެ އިތުބާރު އަޅުގަނޑަށް އޮތީމަ. އޭގެ ކުރެޑިޓް ދޭންޖެހޭ ބަޔަކީ ހުރިހާ ފުލުހުން. ފުލުހުންގެ އެންމެ އާދައިގެ ކޮންސްޓަބަލުން ފެށިގެން އެންމެ ސީނިއާ ޑެޕިއުޓީ ކޮމިޝަނަރާ ހަމައަށް އެބޭފުޅުންގެ މަސައްކަތް އެއީ. އަޅުގަނޑު ހަމައެކަނި ކޮމިޝަނަރ އެއްގެ ގޮތުގައި ހުރެގެން އިންސްޓްރަކްޝަނާއި ޑައިރެކްޝަން ދިނުން އަޅުގަނޑުގެ މައިގަނޑު މަސައްކަތަކީ. ފުލުހުންގެ އެގްޒެކެޓިވް ޓީމަކީ އަޅުގަނޑަށް އިތުބާރު ކޮށްގެން ވަރަށް ކޮންފިޑެންސާއެކު އަޅުގަނޑުމެން މަސައްކަތް ކުރީ. އެއީ ޤައުމުގަ ވަރަށް ހަލަބޮލި ދުވަސްތަކެއް. ރައްޔިތުންނަށް ޚިދުމަތް ދެމުން އަދި ފުލުހުންނާ ދޭތެރޭ ކުރެވެމުން ދިޔަ ޝަކުވާތައްވެސް ބަލަމުން އަދި ފުލުހުންގެ މުވައްސަސާ ތަރައްޤީ ކުރަމުން މިހުރިހާ މަސައްކަތެއް އެއްފަހަރާ ކުރަމުން ރިޔާސީ އިންތިހާބު ދަންދެން އަޅުގަނޑުމެން އެ މަސައްކަތް ކުރިން. އެއީ ދުވަހަކުވެސް ހަނދާން ނުނެތޭވެ ވަރުގެ ދުވަސްތަކެއް. އޭރުގަ ހަމަ ވަރަށް ހިތްހަމަޖެހޭ ޚިދުމަތްތަކެއް ޤައުމަށް ކޮއްދެވުނު ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ.

މަނިކުފާނުގެ ރޯލް މޮޑެލްއެއް އެބަހުރިތޯ؟
ސިޔާސީ ގޮތުން އަޅުގަނޑު ވަރަށް ގަޔާވާ ބޭފުޅެއް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަކީ.
އެއްވެސް މީހެއްގެ ކިބައިން މަޢާފަށް އެދެން ޖެހޭވަރުގެ ކަމެއް ރަސްމީ ހައިސިއްޔަތުން ކުރައްވާފައިވާނެތޯ؟
އެއްވެސް ހައިސިއްޔަތަކުން އެއްވެސް މީހަކުގެ ކިބައިން މާފަށް އެދެންޖެހޭ ވަރުގެ ކަމެއް ނޯންނާނެ.

ވިޔަފާރީގައި އުޅުއްވަމުން ސިޔާސީ މަސައްކަތަށް ވެންނެވީ ކީއްވެ؟
ވިޔަފާރި އަކީ ދިރިއުޅުމަށް ކުރާ މަސައްކަތް. ދެން ސިޔާސީ މަސައްކަތަށް ވަނުމުގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑަށް ލިބިފައި ހުރި ތައުލީމާ ތަޖުރިބާގެ އަލީގައި އަޅުގަނޑު ޤަބޫލުކުރީ އަދި ޤައުމަށް ޚިދުމަތް ކުރަން ޖެހޭނެ ކަމަށް. ޤައުމަށް ޚިދުމަތް ކުރުމުގެ އަޒުމް އޮތީމަ ސިޔާސީ މައިދާނަށް ނިކުމެ މަސައްކަތް މި ކުރަނީ.

މަނިކުފާނުގެ ވިޔަފާރިއަށް ގާސިމް އިބްރާހީމް ވަރަށް ބޮޑެތި އެހީތައް ވިކަމަށް އަޑު އިވޭ! ހަގީގަތެއްތޯ؟
އަޅުގަނޑުގެ ވިޔަފާރިއަކަށް ޤާސިމް އިބްރާހިމްގެ އެހީތެރިކަމެއް ނީންނާނެ. ސިޔާސީ މަސައްކަތުގައި ޤާސިމްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވޭ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ކީއްވެ؟
ޖުމްހޫރީ ޕާޓީއާ ގުޅެން ނިންމި އެންމެ ބޮޑު ސަބަބަކީ އަޅުގަނޑު ނިންމީ މަޖިލީހަށް ނިކުންނަން. އޭރު ޕީޕީއެމްއާ ޖުމްހޫރީ ޕާޓީއާ އެކުގަ ނިކުތީ. އެކި ދާއިރާތައް ދެ ޕާޓީއަށް ބަހާލައިގެން ނިކުތީ. އަޅުގަނޑު ނިކުންނަން އޮތް ދާއިރާ އޮތީ ޖުމްހޫރީ ޕާޓީއަށް ދޫކޮށްފަ. އެދާއިރާ ހޯދެން އޮތީ ޖުމްހޫރީ ޕާޓީއަށް ވަދެގެން ކަމަށްވާތީ އެހެންވެ ޖުމްހޫރީ ޕާޓީއަށް ވަނީ. އެއީ ކިނބިދޫ ދާއިރާ.

ކިނބިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފަ ޖެހިގެން އަދި ދައުރު މި ފެންނަނީ އެހެންދާއިރާއަކުން. ކިހިނެއް ވެގެންތޯ ދާއިރާ ބަދަލުކުރީ؟
ހަޤީޤަތަށް ދަންނަވާނަމަ އެންމެ ފުރަތަމަ ވެސް އަޅުގަނޑު ބޭނުންވީ ތިމަރަފުށީ ދާއިރާއަށް ނިކުންނަން. އެއީ އަޅުގަނޑުގެ އުފަން ރަށް އެދާއިރާގަ ހިމެނޭތީވެ. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވި ކަމެއް އެއީ ތިމަރަފުށީ ދާއިރާއަށް ޚިދުމަތް ކުރުމަކީ. ނަމަވެސް އަޅުގަނޑުގެ ކަޒިން ބުރަދައެއް (ކުރީގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް) މާބޮޑަށް ވެސް އެދާއިރާ އަށް ނިކުންނަން ބޭނުންވީމަ ދެބެންގެ ދެދަރި ދެ މީހުންވީމަ އޭނައާ ފައިޓް ނުކުރަން ވެގެން ދޫކޮށްލީ. ދޫކޮއްލާފަ ކިނބިދޫ ދާއިރާއަށް ނިކުތީ. ދެން ދެވަނަ ދައުރުގަ ތިމަރަފުށީ ދާއިރާ އަށް ނިކުންނަށް ފުރުޞަތެއް ލިބުނީމަ ހިތަށް އެރީ ކުރިމަތި ލާނީއޭ. ދެން ބައެއް މީހުން ބުނަން ވެސް ބުނި މާ އުނދަގޫ ވާނެއޭ. އަޅުގަނޑަކީ އަބަދުވެސް އުނދަގޫ ކަންކަން ކޮއްގެން ކާމިޔާބު ކުރަން ބޭނުންވާ މީހެއް.

ކީއްވެގެންތޯ ޖުމްހޫރީ ޕާޓީން ވަކިވާން ޖެހުނީ….!
ޖުމްހޫރީ ޕާޓީން ވަކިވާން ޖެހުނީ އެޕާޓީގެ ސިޔާސަތުތަކާ ދޭތެރޭ ހިންހަމަ ނުޖެހުން ހުރީމަ. އަޅުގަނޑު މަސައްކަތް ކުރަނީ ސިޔާސީ ގޮތުން ކުރިއަށް ދާން. ސިޔާސި ގޮތުން މަސައްކަތް ކުރަން. މިހާރު މިއަދުގެ ހާލަތާ މިހާރު ހުރި ކަންތަކަށް ބަލާއިރު ސިޔާސީގޮތުން މަސައްކަތް އަޅުގަނޑުމެން ބޭނުންވާ މަސައްކަތްތަކެއް ކުރެވޭނީ އަމިއްލަ ޕާޓީއެއް އުފައްދައިގެން ކަމަށް ވާތީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މި ފެށީ.

އެކުވެރި ކާނަލް ނާޒިމްއާއެކު އާ ސިޔާސީ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތުގައި އިސްކޮށް އެބަ އުޅުއްވާ! މިއީ ކާނަލް ނާޒިމް ރައީސް ކަމަށް ގެންނަން އުފައްދާ ޕާޓީއެއްތޯ؟
މިޕާޓީ އަކީ ސިޔާސީ ގޮތުން އަޅުގަނޑުމެންގެ ވިސްނުމެއް. އަޅުގަނޑުމެންގެ ފިކުރެއް. އަޅުގަނޑުމެން ވިސްނާ ފިކުރެއް. އަޅުގަނޑުމެންނަށް އެބަ ފެނޭ ރަނގަޅު ސިސްޓަމަކަށް ހިނގާ ސިޔާސީ ޕާޓީއެއް ނެތްކަން. ކޮންމެސް މީހަކު ވަށާ ދުވާތަން ކޮންމެ ޕާޓީއަކުން ވެސް މި ފެންނަނީ. އަޅުގަނޑުމެން ޤަބޫލުކުރީ ސިޔާސީ މައިދާނުގަ އަޅުގަނޑުމެންނަށް ސިޔާސީގޮތުން މި ކުރާ މަސައްކަތުގައި ޤައުމަށް އެންމެ ބޮޑަށް ދޫކޮށްލެވޭނީ ރަނގަޅު ސިޔާސީ ޕާޓީއެއް ހަދައިގެންކަން. މި ޕާޓީ ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ އަޅުގަނޑުމެންނާ އެއް ވިސްނުމުގެ އެއް ފިކުރުގެ ބަޔަކު ރާއްޖޭގައި ތިބި ކަމަށް އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭތީ ހުރިހާ މީހުންނަށް ސިޔާސީ ގޮތުން ޕްރޮޕެޝަނަލްކޮށް މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން މަސައްކަތް ކުރުމަށް ފުރުޞަތު ފަހިކޮށްދިނުން. ޚާއްޞަކޮށް ތަޢުލީމީ މީހުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ހެދި ޕާޓީއެއް މިއީ.
ދެން މި ޕާޓީން ބާއްވާ ރިޔާސީ ޕްރައިމަރީގަ ކާނަލް ނާޒިމް ވާދަ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ. އެމަނިކުފާނު ވާދަކުރައްވާ ކަމަށް ވާނަމަ އަޅުގަނޑުމެން އެމަނިކުފާނަށް ތާއީދު ކުރާނަން. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑު ވަރަށް އިތުބާރުކުރާ ބޭފުޅެއް ކާނަލް ނާޒިމަކީ. އަދި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ ކަންކަން ވަރަށް ބޮޑަށް ދެނެވަޑައިގަންނަވާ ކަންކަން ކުރެވޭނެ ވަރުގެ ޤާބިލް ބޭކަލެއް އެއީ.

މިހާރުގެ ސަރުކާރާ މެދު ދެކި ލައްވަނީ ކޮން ގޮތަކަށްތޯ؟
މި ސަރުކާރުގެ ވަރަށް ގިނަ ރަނގަޅު ކަންތައް ވެސް އެބަހުރި. އަޅުގަނޑުމެން ޤަބޫލު ނުކުރާ ކަންތައް ވެސް އެބަހުރި. ޕެންޑަމިކް މެނޭޖްކުރުމުގައި ވަރަށް ރަނގަޅު ކަމަށް ޤަބޫލު ކުރަން. ދެވަނަ ކަމަކަށް ނޫސްވެރިންނަށާއި އެހެން މީހުންނަށް މިނިވަންކަން އެބައޮތް. ބިރުވެރިކަމެއް ނެތް ސިޔާސީ މީހުންނަށް ވެސް. އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ ސިޔާސީ ގޮތުން ވަރަށް ގިނަ މީހުން ބަންދުވެ އަޅުގަނޑުވެސް ބަންދުވެ ޖަލަށްލީ ވެރިކަމެއް. އެއްވެސް މީހަކަށް ވެރިކަމަށް ކުރިމަތި ލެއްވުމުގެ ޚިޔާލު ވެސް ނުގެންގުޅެވުނު ދުވަސްވަރެއް ގޮސްފަ އައި ވެރިކަމެއް މި ވެރިކަމަކީ. ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގަ ވަރަށް ގިނަ ރަނގަޅު ކަންކަން އެބަހުރި. އެކަމަކު މި ދެންނެވީ ހުރިހާ ކަމަކާ ދޭތެރޭ ހިތްހަމަޖެހޭ ވާހަކައެއް ނޫން. އަޅުގަނޑުމެން މިތިބީ މި ސަރުކާރަށް ތާއީދު ކޮށްގެން. ހަމަ ޔަޤީނުން ވެސް އަޅުގަނޑު ތާއީދު ކުރަން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރަށް. އަޅުގަނޑުމެން ތާއީދު ކޮށްގެން ގެނައި ވެރިކަމެއް މި ވެރިކަމަކީ. ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވައުދުތައް ފުއްދެވުމަށް އަދި ރައްޔިތުންނާ ގުޅުން ހުރި ހުރިހާ ކަމެއްގައި އަޅުގަނޑުމެންގެ ތާޢީދު ލިބޭނެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާނަމަ ކޯލިޝަން ހައްދަވާފާނަންތޯ؟
ޕާޓީ ފޯމްވެ (އުފައްދައި) ނިމުނީމަ ޕާޓީގެ ގުނަވަންތަކުން މަޝްވަރާކޮށްފަ ދެއްތޯ ގޮތްތަކެއް ނިންމާނީ. ކައުންސިލުން ދެއްތޯ ތިކަހަލަ އިޝޫސްތަކަށް ގޮތް ނިންމާނީ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ އެއް ވިސްނުމަކީ އެބަޔަކު ނިކުންނަ ޕާޓީއެއްގެ މެނިފެސްޓޯއެއް ވިއްކައިގެން ރައްޔިތުން އެންމެ ތާޢީދު ކުރާ ބަޔަކު ވެރިކަން ކުރީމަ ރަނގަޅު ވާނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. ކޯލިޝަނަކީ އެހާ މުހިންމު އެއްޗެއް ކަމަށް ޤަބޫލެއް ނުކުރަން.

ސިޔާސީ ގޮތުން ބައިއަތު ނުހިފާނެ ބަޔަކު އެބަ އުޅޭތޯ؟
ސިޔާސީ ޕާޓީއެއްގެ މަސައްކަތް ކުރާ ކަމަށް ވަންޏާ ޕާޓީގެ ކައުންސިލުން ނިންމާ ނިންމުން ތަކަށް އަޅުގަނޑުމެން އިހްތިރާމްކުރަން ޖެހޭނެ ދެއްތޯ.

އެންމެ ހިތްދަތިވި ހާދިސާ އަކީ ކޮބައިތޯ؟
"އެންމެ ހިތްދަތިވީ އަޅުގަނޑުގެ ބައްޕަ ނިޔާވި ދުވަސް. ދެން މަންމަ އޭގެ ފަހުން ނިޔާވީ. މި ދެ ދުވަހަކީ އަޅުގަނޑު އެންމެ ހިތްދަތިވި ދެ ދުވަސް."

ހަނދާނުން ފޮހެ ނުލެއްވޭނެ ޚާއްސަ އުފާވެރި ކަމެއް ލިބުނީ ކޮން ދުވަހަކު ކީއްވެތޯ؟
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ލިބުނު ދުވަސް. އެއީ ދުވަހަކުވެސް ހަނދާން ނުނެތޭނެ ދުވަހެއް. އެންމެ އުފާވި ދުވަހަކީ އެއީ. އެއީ އުފަން ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ތާޢީދެއް ލިބިގެން ރައީސް ނަޝީދު ނެރުއްވި ކެންޑިޑޭޓާ ރައީސް ޔާމީނު ނެރުއްވި ކެންޑިޑޭޓް ބޮޑު ތަނުން ބަލިކޮށްފަ އެގޮނޑި އަޅުގަނޑަށް ކާމިޔާބު ކުރެވުނީމަ އެއީ އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އުފަލަކީ.

މަނިކުފާނުގެ ސޯޝަލް މީޑިއާގެ އެކައުންޓްތައް ބަލާލީމަ މަސްވެރިކަމަށް ވަރަށް ޝައުޤުވެރިކަން ހުންނަ ބޭފުޅެއްގެ ގޮތުގަ އެބަ ފާހަގަ ކުރެވޭ. ކިހިނެއްތޯ މަސްވެރިކަމަށް ޝައުޤުވެރިކަން އުފެދުނީ؟
އަޅުގަނޑު ވަރަށް ކުރީންސުރެ ވެސް ޝައުޤުވެރިކަން ހުންނަ ކަމެއް މަސްވެރިކަމަކީ. ކުރިން ވިއްޔާ ކަންވާރު ދޫކޮށްގެން މި ބާނަނީ މަސް. މިހާރު މި ބޭނުންކުރާ ރީލް ދޮށި ބޭނުން ކޮށްގެން މަހަށް ނުދަން ވަރަށް ފަހުން ނޫނިއްޔާ. ވީގޮތަކީ އަޅުގަނޑުގެ އަންހެނުން އަޅުގަނޑުގެ ބާތުޑޭ ގިފްޓަކަށް ދީފި އޭގެ ދޮއްޓެއް. އަސްލު ކުރިން ބޭނުމެއް ވެސް ނުވި އޭތި ޓްރައި ކުރަން ވެސް. އެހެން ހުއްޓަ ބާރތްޑޭ ގިފްޓަކަށް ލިބުނީމަ ދެން ބޭނުން ކުރަން ފެށީ. ދެން މާ ކާމިޔާބު ފަސޭހަ ކަމަކަށްވީ. ދެން މިހާރު އަބަދުވެސް މަހަށް ދާހިތްވެފަ ހުންނަނީ. ސްކޫލްގަ އުޅުނުއިރު ވެސް ޗުއްޓީއަށް ގޮސް މަސްވެރިންނާއެކު ދޯނީގައިވެސް މަހަށް ދަން. ވަރަށް ކުރާ ހިތްވާ ކަމެއް އެއީ.

ނިންމާލަމުން ބުނެލާނީ ކީކޭތޯ؟
މި ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ސިޔާސީ ގޮތުން އަޅުގަނޑުމެންނަށް ކޮށް ދެވޭނެ އެންމެ ބޮޑު ޚިދުމަތެއް ކޮށްދިނުމުގެ މަޤްސަދުގައި އަޅުގަނޑުމެން މުޅިން އާ ސޮފުހާއެއްގެ މަސައްކަތް މި ފެއްޓުނީ. އަޅުގަނޑުގެ އެދުމަކީ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނާ ބައިވެރިވުން. އަޅުގަނޑުމެންނަށް އިތުބާރު ކުރައްވާ އަޅުގަނޑުމެންނާ އެކުގަ މަސައްކަތް ކޮށްދެއްވުން. ޤައުމަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި ބޮޑެތި މައްސަލަތައް ހައްލުކޮށްދިނުމުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނެރޭނަން ރަނގަޅު ތަޢުލީމީ ޤާބިލް ބޭފުޅުން. އެ ފެންވަރުގެ ބޭފުޅުން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ދައްކާނަން. އަޅުގަނޑުމެންނަށް އިތުބާރު ކުރައްވާ އަޅުގަނޑުމެންގެ މި މަސައްކަތުގައި ބައިވެރިވުން އެއީ އަޅުގަނޑުގެ އެދުމަކީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.





3 Responses
ވަރައް ރަނގަޅު ނިންމުމެއް . އެކަލަ ބޮލުރޮއްޖެއްގެ ފަހަތުގަ ތިކަހަލަ ގާބިލް ބޭފުޅުން ތިބޭނެކަމެއް ނެއް. ތީ އޭނަގެ ފަހަތުގަ ހުންނަ ވަރަށް ވުރެ މާ ގާބިލް ބޭފުޅެއް…
ސާބަސް ތީ ލީޑަރެއް
ތީސިޓީހިފާގެން މަގުމަތީހިގާމީހެށް ކިތަމެގިނަފޮޓޯ ދެށްކިޔަސްތާކުންތާކުނުޖެހޭމީހެށް މީހަކުހަރަދުކޮއްގެންހޮވީމާ ލަޑުދިނީ …
އަމިށްލައެދުންބޮޑުބަޔެއްތީ .. އެވެސްކަމެއްރަގަޅަކަށްނުކޮށްދެވޭނެ ކާދިންއަތުގަދަޔްތިއެޅީ..މިމީހުނާދޭތެރޭވިސްނާ ……