Ad

ގެދޮރުނެތް މާލޭގެ ހުރިހާ ރައްޔިތުންނަށް 2023 ގެ ކުރިން ގޯތި ކަނޑާދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ދެއްވައިފި

  • މާލޭ ރަށްވެހިންނަށް 5000 ގޯތި
  • ހުޅުމާލޭގައި މިހާރުވެސް 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ދަނީ ކުރިޔަށް
  • އިތުރު 2000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި ފެށޭނެ
  • ގެދޮރުވެރިޔާ ލޯންގެ ގޮތުގައި 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް

ގެދޮރުނެތް މާލޭގެ ހުރިހާ ރައްޔިތުންނަށް 2023 ގެ ކުރިން ގޯތި ކަނޑާދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ދެއްވައިފިއެވެ. މާލޭގެ ރައްޔިތުންނަށް އެމަނިކުފާނު މި ޔަޤީންކަން ދެއްވީ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ބޯހިޔާވަހިކަމުގާ މާލޭގެ ރަށްޔިތުންނަށް އޮތް ދައްޗާއި ތަކުލީފު އޭގެ ލާ ނިހާޔަތުގައި އެބައޮތްކަމަށާއި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނަ ވާހަކަ ދެއްކޭކަމުގެ އިޙްސާސް އަބަދުވެސް ކުރެވޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. "މިއަދު އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މިދިޔަ އަހަރު މިތާހުރެ ދެންނެވި 5,000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގާ ކުރިއަށް ދާ ވާހަކަ. އަދި އިތުރު 2,000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުޅުމާލޭގާ ފެށޭނެ ވާހަކަ" ރައީސް ވިދާޅުވިއެވެ.

އަދި މީގެއިތުރުން މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް އެމަނިކުފާނު ނިންމަވައިފިކަމަށާއި އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދެއްވާނެ ކަމަށް ރައީސް ސޯލިހު މިއަދު ވިދާޅުވިއެވެ.  އަދި މީގެ އިތުރުން ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޫކުރައްވާނެކަމަށް ރިޔާސީ ބަޔާނުގައި ރައީސް އިޢުލާން ކުރެއްވިއެވެ. ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާ ގޮތަށް ގޮސް ގިރާވަރު ފަޅުން ހިއްކާ ބިމާއި ގުޅިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫޢުގެ ދަށުން ޖުމްލަ 2,180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގާ ކުރިއަށް އެބަދާ ކަމަށާއި ގެދޮރުވެރިޔާ ލޯންގެ ގޮތުގާ 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް މިއަދު ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *