ޕީއެންސީގެ ކޮންގްރެސް (މަތީ މަޖިލީސް) ފަށައިފިއެވެ. މި ރަސްމިއްޔާތު ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މަތީ މަޖިލިސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ބައްދަލުވުމަކީ ޕާޓީގެ ކުރިމަގު ބައްޓަންކޮށް ޕާޓީގެ ފަރާތުން ރައްޔިތުންނަށް އެންމެ ފުރިހަމަ މިންވަރުގައި ކަންކަން ފޯރުކޮށްދިނުމާއި، ގައުމުގެ ތަރައްގީގެ ކަންކަމުގައި ސަރުކާރުން ކަންކަން ކުރުމުގައި ޕާޓީގެ ދައުރު ފުޅާކޮށް، އިތުރުކޮށް، ޕާޓީގެ ހުރިހާ ގުނަވަންތަކެއް އެކުގައި މަސައްކަތްކޮށް، ހުރިހާ މެންބަރުން އެކުގައި އެއްރޫހެއްގައި އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ވަރުގަދަ އަޒުމުގައި އެންމެ ބައިވެރިވާ ބައްދަލުވުމެއް ކަމަށެވެ.
"އެއް ރޫހެއްގައި އެއް އާއިލާއެއްގެ ގޮތުގައި، އެއްޓީމެއްގެ ގޮތުގައި، ވަރުގަދަ ރޫހެއްގައި އަޅުގަނޑުމެން އެންމެން ގައުމީ މަސްލަހަތު އިސްކޮށް ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެ، އެންމެ ފުރަތަމަ ގައުމު އެއީ ޝިއާރުކަން ހަނދާނުގައި ބަހައްޓައި ގައުމުގެ ކުރިމަގަށްޓަަކައި ޕާޓީގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި އަޅުގަނޑުމެން ވަރަށް ލާމަސީލު މިސާލެއް ދައްކައި ރާއްޖޭގެ ސިޔާސީ މައިދާން މިހާރު އޮތް ހާލަތުން ފުރިހަމަ ހާލަތަަކަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަމުގައި މިސާލު ދައްކާނެކަން އަޅުގަނޑު ޔަގީންކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ގޮތުގައި ވަރަށް ބަދަހި ގުޅުމަކާއެކީގައި، ވަރައް އުފަލާއެކު، ވަރަށް އެކުވެރިކަމާއެކުގައި ކުރިއަށް ގޮސް ކޮންގްރެސްގެ ކަންތައްތަކުގައިވެސް އެކުވެރިކަން އިސްކުރަންޖެހޭ ކަމަށެވެ.
"އެކުވެރިކަމަކީ ހަމަ ޔަގީނުންވެސް ގަދަ ފަދަ ބާރެއް އަޅުގަނޑުމެން އިސްކުރަންޖެހޭނީ އެކުވެރިކަން އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހޭނެ އަބަދުވެސް ހަގީގަތް،" އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޮންގްރެސްގައި 1000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. މި ކޮންގްރެސްގެ ތެރެއިން ޕީއެންސީގެ ހަ ނައިބު ރައީސުންގެ މަގާމަށާއި މަތީ މަޖިލީހުގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.




