Ad

ރައީސް ޔާމީން ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 447 މިލިއަން ޑޮލަރު ރައީސް ސޯލިހު ސަރުކާރުން ދައްކާ ނިންމައިފި

ރައީސް ޔާމީން ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރޭން 447 މިލިއަން ޑޮލަރު މިސަރުކާރުން ދައްކާ ނިންމާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރިޔާސީ ބަޔާން އިއްވަމުންނެވެ.

ދައުލަތުގެ ރިޒާރވް މެނޭޖްކުރުމަށް ރިޒާރވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް މިދިޔަ ޑިސެމްބަރު މަހުގެ 29 ގައި ދައްކާ ނިމިފައިވާކަން ރައީސް ފާހަގކުރެއްވިއެވެ. މިދަރަނިތައް އަދާކޮށްފައިވެސް 2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގައި 791.2 މިލިއަން ޑޮލަރު އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ބޭރު ފައިސާގެ ބާޒާރާ ގުޅޭ ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެކަމަށާއި ބޭރު ފައިސާގެ ތާށިކަން ހައްލު ކުރުމަށާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަންފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އައި.އެމް.އެފް އިން ލަފާކުރާ ގޮތުގާ މިހިނގާ 2022 ވަނަ އަހަރުވެސް އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ މުޅި ދުނިޔޭގެ 5 އިޤްތިޞާދުގެ ތެރޭގައިވެސް ދިވެހިރާއްޖެ ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އަންދާޒާ އަކީ، މިހިނގާ 2022 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ތަފާސްހިސާބު އެކުލަވާލަން ފެށިފަހުން ފެންނަ އެންމެ ބޮޑު އަދި ކުއްލި އަޑިގުޑަން ރެކޯރޑް ކުރެވިފައިވަނީ 2020 ވަނަ އަހަރު ކަމަށާއި އެގޮތުން އޭގެ ކުރީއަހަރާ އަޅާބަލާ އިރު އެ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 33.5 އިންސައްތަ ދަށަށް ވެއްޓުނުކަން ރައީސް ފާހަގަކުރެއްވއިެވެ. އަވަސް އަދި ހަރުދަނާ ފިޔަވަޅު ތަކެއް ނޭޅިނަމަ ޢާންމު ދިވެހި ދިރިއުޅުން ދުވަހަކު ނުދާހާ ދަށަށް ސޮއްސާލާނެ ހާލަތަކަށް ރާއްޖެ ދިޔަ ކަމަށާއި ސަރުކާރުން އެޅި ފިޔަވަޅުތަކާ އޭގެ ހެޔޮނަތީޖާ އަހަރެއްހާ ދުވަސް ނުވަނީސް އިރާދަކުރެއްވީތީ މިވަނީ ފެންނަން ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19ގެ ކުރިން އޮތް ހިސާބަށް އިޤްތިޞާދު އަނބުރާ ގެންދެވޭނެ ކަމުގެ ފާހަގަ ސަރުކާރުން ޖަހާ އަހަރަކީ އިރާދަ ކުރެއްވިއްޔާ 2023 ވަނަ އަހަރުކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *