Ad

"ސަވާދީއްތަ ދަތުރު" ހޯރަފުށީގައި އިފްތިތާހުކޮށްފި

  • މި ދަތުރުގެ ތެރެއިން 50 އަށްވުރެ ގިނަ ހަރަކާތް ހިންގުމަށް ހަމަޖެހިފައިވޭ.
  • ފަޅުރަށްތައްވެސް ހިމެނޭހެން 15 ރަށެއްގައި މަޑުކުރާނެ.
  • މިއީ މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރެލީއެއް.
  • ދަތުރުގެ ފަހު މަންޒިލަކީ، ފަރި މޯލްޑިވްސް.
  • މި ހަރަކާތް ނިންމުން އޮންނާނީ މަހުގެ 20 ވަނަ ދުވަހު ފަރި މޯލްޑިވްސް ގައި ބާއްވާ ގާލާ ނައިޓުން. 

"ސަވާދީއްތަ ދަތުރު" ރަސްމީކޮށް ހއ. ހޯރަފުށީގައި އިފްތިތާހުކޮށްފިއެވެ. މި ދަތުރަކީ މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދަތުރެކެވެ. ސަވާދީއްތަ ދަތުރު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މިއަދު ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމެވެ.

 

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ މައުސޫމް ވިދާޅުވީ، ރާއްޖެއަކީ ސަޤާފަތާއި ތާރީޚުން ފުރި ބަންޑުން ވެފައިވާ ގައުމެއް ކަމަށެވެ. ކުރީ ޒަމާންތަކުގައި މީހުން ރާއްޖެ އައިސް މަޑުކޮށްގެން ތިބެނީ އެމީހުންގެ އޮޑިދޯނިފަހަރު ހަލާކުވެގެންނެއް ނޫން ކަމަށާއި، ހަގީގަތަކީ އެމީހުން ރާއްޖެއިން ފުރަން ބޭނުން ނުވުން ކަމަށެވެ. ރައީސް ސޯލިހުގެ ފަތުރުވެރިކަމުގެ ސިޔާސަތު ބައްޓަންވެފައިވަނީ ރާއްޖޭގެ މާހައުލާއި، އާދަކާތަތަކާއި ސަގާފަތް ފަތުރުވެރިންނަށް ދައްކުވައިދެވޭނެ ގޮތަކަށް ކަމަށާއި އެގޮތުން ކައިރި ކައިރީގައި އޮންނަ ދެ ރަށެއްގައިވެސް އާދަކާދައިގެ ގޮތުން ބޮޑެތި ތަފާތުތަކެއް ހުރެދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެބީދައިން ފަތުރުވެރިކަން ފަށައިގަތުމުގެ އެއް ފެށުމަކީ ސަވާދީއްތަ ދަތުރުކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިންޓެގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިންގެ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ އިދާރާއަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހއ. ހޯރަފުށީގައި "ސަވާދީއްތަ ދަތުރު" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި, މި ނަން ދެވުނު ގޮތް ތަފްސީލު ކިޔާދެއްވައި ރާއިދު ވިދާޅުވީ, ފަތުރުވެރިކަން ކުރިއެރުމުގައި ސަރުކާރުގެ ސިޔާސަތު ވަރަށް ކާމިޔާބު ކަމަށާއި، އުނދަގޫތަކާއެކު ވެސް އިގުތިސާދީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާ ކަމަށެވެ.

"ސަވާދީއްތަ ދަތުރު" ރަސްމީކޮށް އިފްތިތާހުކުރުމަށް ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެދާއިރާގެ މެމްބަރު ސަލީމް ވަނީ ޔޮޓް ރެލީގެ ބައިވެރިންނަށް ހޫނު މަރުހަބާއެއް ވިދާޅުވެ، ހޯރަފުށީގެ ރައްޔިތުންގެ ނަމުގައި, މި ހަރަކާތުގެ ބައިވެރިންނާއި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ. "ސަވާދީއްތަ ޔޮޓް ރެލީ" އަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ހުރި ގޮންޖެހުންތައް ބަލާލުމަށްވެސް ރަނުގެ ފުރުސަތެއްކަމަށް މެމްބަރު އަހުމަދު ސަލީމް ވިދާޅުވިއެވެ.

ޔޮޓް ރެލީއަކީ ދުނިޔޭގައިވެސް އާންމު ކަމެއްކަން ފާހަގަ ކުރައްވައި މެމްބަރު ސަލީމް ވިދާޅުވީ، 99 އިންސައްތަ ކަނޑު ހިމެނޭ އަދި ދަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ކުޑަކުޑަ ދިވެހިރާއްޖޭގައި މިހާތަނަށް މިފަދަ ޔޮޓް ރެލީއެއް ބާއްވާފައި ނެތްކަމަށެވެ. ވުމާއެކު، އެމްއައިޓީޑީސީން "ސަވާދީއްތަ ދަތުރު"ގެ ނަމުގައި މި ފެށި ހަރަކާތަކީ މުހިއްމު މަސައްކަތެއްކަން ސަލީމް ފާހަގަ ކުރެއްވިއެވެ. ސަލީމް ވިދާޅުވިގޮތުގައި މި ރެލީއަކީ ރާއްޖޭގެ މުއްސަނދި ތިމާވެއްޓާއި، ރިވެތި ތާރީޚާއި ސަގާފަތް, އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ހުރި ގޮންޖެހުންތައް ބަލައިލުމަށްވެސް ރަނުގެ ފުރުސަތެއްކަމަށެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު"ގެ އެންމެ ބޮޑު ބޭނުމަކީ ފަތުރުވެރިކަމަށް އައު ކަންތައްތަކެއް ތައާރަފުކޮށް ރާއްޖޭގެ މުއްސަނދިކަން އިޝްތިހާރުކުރުން ކަމަށް އެމްއައިޓީޑީސީން މައުލޫމާތު ދެއެވެ. ފަޅުރަށްތައްވެސް ހިމެނޭހެން 15 ރަށެއްގައި މަޑުކުރުމަށް ނިންމާފައިވާއިރު ދަތުރުގެ ފަހު މަންޒިލަކީ، ފަރި މޯލްޑިވްސްއެވެ. މި ހަރަކާތް ނިންމުމުގެ ގޮތުން ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ބާއްވާ ގާލާ ނައިޓް އޮންނާނީ އެތަނުގައިއެވެ.

މި ދަތުރުގެ ތެރެއިން 50 އަށްވުރެ ގިނަ ހަރަކާތް ހިންގުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުގައި ރާއްޖޭގެ މަޝްހޫރު އެތައް ތާރީޚީ ބިނާތަކާއި، ދިވެހިންގެ ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރީތި ކަނޑުއަޑީގެ މަންޒަރު ބަލާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރެލީއެކެވެ. އެމްއައިޓީޑީސީގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ގަސްދުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް، ހެރިޓޭޖް ޓޫރިޒަމް އަދި ރޫރަލް ޓޫރިޒަމް ހިމެނޭ ގޮތުންނެވެ.

މިދަތުރަށް "ސަވާދީއްތަ ދަތުރު"ގެ ނަން ދެވިފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ބަތަލު، އައްސުލްތާނު ޣާޒީ މުހައްމަދު ތަކުރުފާނު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނާ ގުޅުވައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *