އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭސްކަރު މިއަދު ހެނދުނު ނިޔާވެއްޖެއެވެ. ލަތާ ނިޔާވިއިރު އުމުރަކީ 92 އަހަރެވެ.
ކޮވިޑް ޖެހުމުގެ ސަބަބުން ބްރީޗް ކެންޑީ ހޮސްޕިޓަލްގައި ލަތާ އެޑްމިޓް ކުރެވުނީ 11 ޖެނުއަރީ 2022 އެވެ. އިންޑިއާގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ލަތާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީންސުރެ ފަރުވާ ކުރަމުންދިޔައީ އައިސީޔޫގައެވެ.
ލަތާ އުފަންވީ 28 ސެޕްޓެމްބަރ 1929 އެވެ. ލަތާ މަންގޭސްކަރުގެ ބައްޕަ އަކީ މަޝްހޫރު ޕަންޑިތު ދީނާނާތު މަންގޭސްކަރެވެ. ލަތާގެ އެއްބަނޑު އެއްބަފާ ހުރިހާ އެންމެންނަކީ މިއުޒިކްގެ މަޝްހޫރު ފަރާތްތަކެވެ.
ލަތާ ވަނީ އުމުރުން އެންމެ 5 އަހަރުގައި ހިންދީ ފިލްމްތަކުގައި ޗައިލްޑް އާޓިސްޓެއްގެ ރޯލް އަދާކުރަން ފަށާފައެވެ. ލަވަކިޔަން ފެށުމުގެ ކުރިން އެކްޓް ކުރަން ފެށި ނަމަވެސް ލަތާވަނީ އެކްޓްކުރުން ހުއްޓާލުމަށްފަހު މުޅި ހަޔާތް ލަވަކިޔުމަށް ހުސްކޮށްފައެވެ. ޒަވާޖީ ހަޔާތެއް ފަށާފައެއް ނުވެއެވެ.
އިންޑިއާގެ 1000 އަށްވުރެ ގިނަ ފިލްމަށް ލަތާ ލަވަކިޔާދީފައިވެއެވެ.
ލަތާ މަންގޭސްކަރު ނިޔާވުމާއި ގުޅިގެން މުޅި އިންޑިއާ ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވިޓްގައި ލަތާ އަކީ އިންޑިއާއަށް މިއައި ކުރިއެރުމާއި ބަދަލުތަކުގެ ވަރަށް މުހިންމު ބައިވެރިއެއް ގޮތަށް ސިފަކުރައްވާފައިވެއެވެ.
Lata Didi’s songs brought out a variety of emotions. She closely witnessed the transitions of the Indian film world for decades. Beyond films, she was always passionate about India’s growth. She always wanted to see a strong and developed India. pic.twitter.com/N0chZbBcX6
— Narendra Modi (@narendramodi) February 6, 2022
މަޝްހޫރު ފިލްމް ފެއަރއިން ބުނެފައިވަނީ ލަތާ ފަދަ ދެވަނަ މީހަކު ދެން ނުވާނެ ކަމަށެވެ. ލަތާގެ ހަނދާން އަބަދުމެ އާކުރާނެ ކަމަށެވެ. 39 ވަނަ ފިލްމް ފެއަރ އެވޯޑްގައި ލަތާއަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދީފައިވެއެވެ.
There will never be another like you!
Here’s remembering the icon #LataMangeshkar with her Lifetime Achievement Award at the 39th #FilmfareAwards. pic.twitter.com/EecCFyUSZm
— Filmfare (@filmfare) February 6, 2022
ލަތާގެ ޖަނާޒާ އޮންނާނީ މިއަދު އިންޑިއާ ގަޑިން 6:30 ގައި މުމްބާއީގެ ޝިވާޖީ ޕާކުގައެވެ.