- ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ނަތީޖާ އިންތިހާއަށް ފޮނި.
- ކޮލެޖް ނުވަތަ ޔުނިވަރސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12,730 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުޞަތު ލިބިއްޖެ.
- 2127 ދަރިވަރުން މިހާރުވެސް ޑިގްރީ ފުރިހަމަކޮށްފި.
- 2023ގެ ނިޔަލަށް 5,000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ނިންމާނެ.
ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢަކީ، އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.
"ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢަކީ، އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން. އެކަށީގެންވާ ތަޢުލީމާއި ތަރުބިއްޔަތުގެ ފުރުޞަތު ފަހިވެފައި އޮތުން. އިންސާނީ ވަސީލަތްތައް ފައްކާވެ، އަރާއަރަފޯދުމަށްވުރެ ބޮޑު ރަނގަޅެއް ޤައުމަކަށް ނޯންނާނެ". ރައީސް ސޯލިހު ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެފައިވަނީ މިފަދައިން "ތާއަބަދު ސިކުނޑީގައި އެ ފިކުރާއި، ދުލުގައި އެ ޒިކުރުލައިގެން އުޅުނު ދިވެހި ޖީލެއްވި. ކަނޑުގައިވިޔަސް، ފަޅުގައި ނޫނީ ވަލު މަސައްކަތުގައި ދިރިއުޅުން ބިނާކުރީ އެގޮތުގައި. އޭގެ ކޮންމެ ދިވެހި މަޔަކާއި ބަފައެއްގެވެސް އޮތީ އެންމެ ހުވަފެނެއް. އެއީ ފުރާގު ހަމަކޮށް ދަރިޔަކަށް އަކުރެއް އެނގޭނެ ގޮތެއްވުން. އެއީ މާޒީވެ ގޮސްފައިވާ އެ ދުވަސް".
ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ނަތީޖާ އިންތިހާއަށް ފޮނިކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ކޮލެޖް ނުވަތަ ޔުނިވަރސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12,730 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުޞަތު ހޯދައިދެވިއްޖެކަމަށާއި މި ޕްރޮގްރާމްގެ ތެރެއިން 2127 ދަރިވަރުން މިހާރުވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިގޮތުގައި ކުރިއަށް ގޮސް 2023ގެ ނިޔަލަށް 5,000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ޤައުމު ބިނާކުރުމަށް ނުކުންނާ ކަމަށާއި އެއަށްފަހު، ކޮންމެ އަހަރަކު މަދުވެގެން 2,000 ކުދިން ޑިގްރީ ހަދައިގެން ޤައުމީ ޚިދުމަތަށް ނުކުންނާނެ ކަމަށް ރައީސް ސޯލިހު ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.
"މިހާރު މިކުރާ ކަމަކީ، މަތީ ތަޢުލީމަށް އޮތް ގަނެވިއްކުމުގެ ވިޔަފާރި ބަންދުކުރުން. ހިތްވަރެއްހުރި ކޮންމެ ދަރިޔަކަށް ސަރުކާރުގެ ޚަރަދުގައި ހިލޭ ޑިގްރީއެއް ލިބޭނެގޮތް ހެދުން. އެކަން އަޅުގަނޑުމެން ކޮށްފިން" ރައީސް ވިދާޅުވިއެވެ.