Ad

މިއަދަކީ ބަޔަކު ގަދަކަމުން ވަދެ ދައުލަތުގެ ޓީވީ "އެމް.އެން.ބީ.ސީ ވަން" ހިފި ދުވަސް. މިކަމަށް އިންސާފު ލިބޭނެތޯ؟

  • "އެމްއެންބީސީ ވަން" އަށް ބަޔަކު ގަދަކަމުން ވަދެ އެތަން ހިފި.
  • 10 އަހަރު ވެއްޖެ. އިންސާފެއް ނުލިބެ.

މިއަދަކީ މީގެ 10 އަހަރު ކުރިން، ދައުލަތުގެ ޓީވީ"އެމްއެންބީސީ ވަން" އަށް ބަޔަކު ގަދަކަމުން ވަދެ އެތަން ހިފި ދުވަހެވެ. 10 އަހަރު ވެގެންދިޔައިރުވެސް މިކަމަށް އިންސާފު ލިބިފައެއް ނެތެވެ. ނަމަވެސް އެދުވަހުގެ ހަނދާން އާކޮށްލުމަކީ އަހަރެމެންފަދަ ނިކަމެތި އާދައިގެ ނޫސްވެރިންނަށް ކޮށްލެވިދާނެ ކަމެއް ކަމަށް ފެންނާތީ އެ ހަނދާން މިއަދު އާކޮށްލާނަމެވެ.

7 ފެބުރުއަރީ 2012 އަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ދިވެހި މީޑިއާއަށް ކުރިމަތިވި ކަޅު ދުވަހެކެވެ. އެތައް ކަމެއް ހިނގި ދުވަހެކެވެ. ނަމަވެސް އޭގެ ތެރެއިން އެއް ހާދިސާއެއްގެ ހަނދާން މިތަނުގައި އާކޮށްލުމަކީ އެދުވަހުގެ އެހެން ހާދިސާތަކުގެ މަތިން ހަނދާން ނައްތާލުމެއް ނޫނެވެ. އެއީ ބިރުވެރި، އަސަރުގަދަ ލާއިންސާނީ ވާހަކައެކެވެ. "ޤައުމަށްޓާކާ، ދީނައްޓަކައޭ" ގޮވަމުން ނިކުތް ބަޔަކު ނިކުމެ ދިވެހި ޤައުމުގެ ދުސްތޫރީ ހަޔާތް ފުނޑުފުނޑު ކޮށްލި ދުވަހެކެވެ. ޅަކުދިންނަށާއި ޒުވާން ޖީލަށް ހަޑިމުޑުދާރު އެތައް ޢަމަލެއް ދެއްކި ދުވަހެކެވެ.

6 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ރޭން ފެށިގެން ދައުލަތުގެ ޓީވީއަށް ތަފާތު ހަމަލާ އަންނަ ފަށައިފިއެވެ. ފުރަތަމަ އަންނަމުން ދިޔައީ އިންޒާރުގެ ފޯން ކޯލްތަކެވެ. އެގޮތުން އެތަނުގެ ވެރިންގެ ފޯނުތަކަށް އިންޒާރުގެ މެސެޖްތަކާއި ފޯނު ކޯލްތައް އައެވެ. އަދި ފްރޮންޓް އޮފީސް ނުވަތަ ރިސެޕްޝަނަށްވެސް އިންޒާރުގެ ކޯލްތަކާއި ހަޑިމުޑުދާރުކޮށް ވާހަކަ ދައްކާ ކޯލްތައް އައެވެ. އެރޭ އައި ފޯން ކޯލްތަކުގެ ވާހަކަތައް މިދިޔަ 10 އަހަރުގެ ތެރޭގައި އެތަނުގެ މުއައްޒިފުން އެކި މީހުންނަށް ހިއްސާކޮށްފައިވެއެވެ.

6 ފެބުރުއަރީ 2012 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އެމްއެންބީސީ ވަންގެ ދޮރުމައްޗަށް ބަޔަކު އެއްވެ ހަމަނުޖެހުން ހިންގިއެވެ. މިހަމަނުޖެހުމުގެ ތެރޭގައި އެމްއެންބީސީ ވަންގެ ނޫސްވެރިއެއްގެ އަތް ބިންދައިގެންގޮސް ވަރަށްގިނަ އަނިޔާތައް ލިބުނެވެ. ހަމަނުޖެހުން ހިންގި މީހުން ފުރަތަމަ ދިމާކުރީ ދިވެހިރާއްޖޭގެ އަޑަށެވެ. ޓީވީއާއި ދިމާލަށް އެބަޔަކު މިސްރާބް ޖެހީ ދިވެހިރާއްޖޭގެ އަޑުގެ ދޮރުމަތީގައި ތިބެ އަޑުގަކޮށް ހަޅޭލަވާ ހަމަނުޖެހުން ހިންގާފައެވެ.

އެރޭ ދައުލަތުގެ މީޑިއާ އޮތީ ސިޔާސީގޮތުން ގޮތުން އަނދަމުންދިޔަ ބޮޑު އަލިފާންގަނޑެއްގެ މެދަށް ވެއްޓިފައެވެ. ނަމަވެސް އެތަނަކީ ދައުލަތުގެ ކުންފުންޏަކަށް ވާތީ، ދައުލަތުގެ އެހެން ކުންފުނިތައް ފަދައިން ދައުލަތުގެ މީޑިއާ ކުންފުނިންވެސް ތަންފީޒުކުރަމުން ދިޔައީ ދިވެހި ދައުލަތް ހިންގުމަށް ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަކެވެ.

އެވަގުތު އެމްއެންބީސީ ވަންގައި މަސައްކަތް ކުރަމުން ދިޔަ ނޫސްވެރިޔަކު ކިޔާދިން ގޮތުގައި 6 ފެބުރުއަރީ 2012 ވަނަ ދުވަހުގެރޭ ދަންވަރުން ފެށިގެން ދައުލަތުގެ ޓީވީ އޮތީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ހާސްކަމާއި ބިރުވެރި ކަމުގެ ތެރޭގައި މުޅި އެރޭ ހޭދަކޮށްފައި އިރުއެރުމުންވެސް، އަމާން ކަމެއް އިހުސާސް ނުވި ކަމަށް އެނާ ބުންޏެވެ. "އަޑު ފެތުރެމުން ދަނީ އެމްއެންބީސީ ވަން ހިފަން ބަޔަކު އަންނަ ކަމަށް. އެމީހުން ވަދެ އެތަން ހިފާނެ ކަމަށް. މިގޮތައް އެތައް ބައިވަރު ބިރުވެރި ވާހަކަތައް ފެތުރެމުން ދިޔަ. އެހެންވީމަ އަބަދުވެސް ތިބީ ހާސްކަމުގަ" އެނޫސްވެރިޔާ ކިޔާދިނެވެ.

އެދުވަހު އެމްއެންބީސީ ވަން ގެ އެތެރޭގައި ހުރި އެހެން މުއައްޒިފެއް ކިޔާދިން ގޮތުގައި އެއީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ބިރުވެރި ދުވަހެވެ. "ކުއްލިއަކަށް މަޢުލޫމާތު ލިބުނީ އެއްވެސް ޝަރުތަކާއިނުލާ ރައީސުލްޖުމުޙުރިއްޔާ މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވަން ނިންމެވި ކަމަށް ނާޒިމް ސަރ އިއުލާންކުރި ވާހަކަ. އެހިސާބުން އަޅުގަނޑުގެ ހާސްކަން އިންތިހާއަށް ބޮޑުވެގެންދިޔަ. އަޅުގަނޑުގެ އާއިލާއިން ގުޅާފަ އެންގި އަވަހަށް ގެޔައް އަންނަންވެސް. އެކަމަކު އެނާޒުކު ވަގުތު ޑިއުޓީ ދޫކޮށްލާފަ ގެޔަށް ދިއުމުގެ ބަދަލުގައި އަޅުގަނޑު ނިންމީ ޑިއުޓީގައި ސާބިތުވެ ހުންނަން. ބަޔަކު ވަދެއްޖެ ނަމަ ރައްކާތެރިވާނެ ގޮތްތަކާއި ބެހޭގޮތުންވެސް ބައެއް މުއައްޒިފުން ވާހަކަ ދައްކަމުން ދިޔަ" އޭނާ ކިޔާދިނެވެ.

މަންޒަރުދުއް އެހެން މުއައްޒިފެއް ވެސް މިދުވަސް ސިފަކޮށްދިނެވެ. "އެއީ ހަނދާނުން ނުފިލާނެ ދުވަހެއް. މިހާރުވެސް އެހަނދާން އާކޮށްލީމަ ހާސްވޭ. ބިރުގަނޭ. އެތައް ދުވަހެއް ވަންދެން ސިއްސަ ސިއްސައިގެންވެސްދިޔަ. ބަޔަކު ޓީވީއަށް ވަދެގަންނަން އަންނަ ބިރުވެރި އަޑުފަށްގަނޑެއް އިވި، އެމަންޒަރު ލޮލުގެ ކުރިމަތީގައި ސިފަވާން ފެށި". 

ކުއްލިއަކަށް އަރައިގަތް ބަޔަކު އެމްއެންބީސީ ވަންގެ މައި ގޭޓުގެ ތަޅަށް ބަޑިޖަހާ ތަޅު ގޮށްވާލިއެވެ. ދައުލަތުގެ މީޑިއާ ހިފަން ހަތިޔާރާއި އެކު ބަޔަކު ވަނީއެވެ. އޭގެ ތެރޭގައި އާންމު ރައްޔިތުންނާއި ސިފައިންގެ ޔުނިފޯމުގައި ހަތިޔާރާއި އެކު ތިބި ބަޔަކާއި ފުލުހުންގެ ޔުނިފޯމުގައި ހަތިޔާރާއި އެކު ތިބި ބައެއް ހިމެނެއެވެ. މަންޒަރު ހަމަލޮލަށް ފެނުނު މުއައްޒިފުން ކިޔާދިންގޮތުގައި ދައުލަތުގެ ޓީވީ ހިފަން ވަތް މީހުންގެ އިސް ކޮމާންޑަރަކަށް ހުރީ ކުރީގެ ރައީސް ޑރ ވަހީދުގެ އެއްބަނޑު އެއްބަފާ ކޮށްކޮ، އަދި ޓީވީ މޯލްޑިވްސްގައި ކެމެރާމަނެއްގެ ވަޒީފާ އަދާކޮށްފައިވާ ޢަލީ ވަހީދެވެ. ޢަލީ ވަހީދުގެ އިތުރުން ކުރިން ޓީވީ މޯލްޑިވްސްގެ ޕްރޮޑިއުސަރެއްގެ ވަޒީފާ އަދާކުރެއްވި، އަދި އޭރުގެ މަޖިލިސް މެމްބަރ އިލްހާމް އަހުމަދާއި ސިޔާސީ އެކްޓިވިސްޓެއް ކަމަށްވާ އައްބާސް އާދިލް ރިޒާވެސް ޣައިރު ޤާނޫނީ މިއޮޕަރޭޝަންގައި އިސް ރޯލްތަކެއް އަދާކުރަމުން ދިޔަ ކަމަށް މަންޒަރު ދުއް ބައެއް މުއައްޒިފުން ކިޔާދިނެވެ.

އެމްއެންބީސީ ވަންއަށް ކުއްލިއަކަށް ބަޔަކު އުދުވާނީ ހަމަލާއެއްދީ އެތަނުގެ ތަޅު ގޮށްވާލާފައި ވަދެގެންއިރު ދިވެހި ރައްޔިތުން އިންތިޚާބުކުރި ރައީސުލްޖުމުހޫރިއްޔާ އޭރުވެސް ހުންނެވިއެވެ. އިސްތިއުފާއެއް ނުދެއްވައެވެ. ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރެއް ހިނގަމުން ދަނިކޮށް، އަދި ރައީސުލްޖުމުހޫރިއްޔާ އައްޔަނު ކުރެއްވި ވެރިން މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ހިންގަމުން ދަނިކޮށް، އެހެން ބަޔަކު އެތަނަށް ގަދަކަމުން ވަދެ، އެތަނުގެ ވެރިންނާއި މުއައްޒިފުންގެ ބާރު ކަނޑުވާލާ، އެތަނަށް ވަދެގަތް ބާޣީން ބޭނުންގޮތަކަށް ދައުލަތުގެ ޓީވީ ހިންގަން ފެށި ދުވަހަށްވުރެ ވަކި ކަޅު ދުވަހެއް ރާއްޖޭގެ މީޑިއާގެ ދިގު ތާޜީކުގައި ކުރިމަތިވެފައިވޭތޯއެވެ. މީޑިއާގެ މިނިވަންކަމަށް ވަކާލާތުކުރާ ކަމަށްބުނާ ބައެއް މުދައްބިރުން މިކަމާއި ގުޅިގެން "ޗުއްޕު" ވެސް ބުނެ ނުލައެވެ. މިއަދަށް 10 އަހަރު ވީއެވެ. މިކަމަށް އިންސާފު ލިބޭނެތޯއެވެ؟

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *