Ad

ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި

ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަން ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑޮކްޓަރ ޕެޓްރިކް ވެރްކޮޔަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖީސީއޭގެ ސީއީއޯ ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. ރާއްޖޭގެ ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޖީސީއޭގެ ސީއީއޯއާ ޙިއްޞާކުރައްވައި އެކަންކަން ކާމިޔާބުކަމާއެކީ ކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަން ޚާއްޞަކޮށް މާލީ ކަންކަމުގައި ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޖީސީއޭގެ ސީއީއޯ ވަނީ ރާއްޖޭގެ އިތުރުން އެހެން ބައިނަލްއަޤްވާމީ ފަރާތްތަކާއި އެކު ޖީސީއޭ އިން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ގުޅޭގޮތުން ކުރަމުން އަންނަ ބައެއް މަޝްވަރާތަކާއި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން ވެސް ސީއީއޯ ވިދާޅުވިގޮތުގައި ޖީސީއޭ އިން ރާއްޖެއަށް ހުށަހަޅާ ކަންކަމަކީ ރައީސް ސާލިޙްގެ ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ޢަމަލީ މަސައްކަތް ހިމެނޭހެން ހުށަހަޅާ ކަންތައްތަކެކެވެ. އަދި ޑޮކްޓަރ ވެރްކޮޔަން ވަނީ ތިމާވެށީގެ ކަންކަމުގައި ޖީސީއޭގެ ފަރާތުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.

ޖީސީއޭއަކީ މޫސުމަށް އަންނަ ބަދަލުތަކުން ޤައުމުތައް އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *